ސްޕެނިޝް ލީގުގައި ތާވަލްގެ އެއްވަނައިގާ އުޅޭ އެފްސީ ބާސެލޯނާ އާއި އެލްޗޭ ބައްދަލުކުރިމެޗް ބާސާ ކާމިޔާބުކޮށްފިއެވެ.
އެލްޗޭގެ ދަނޑުގައި ކުޅުނު މިމެޗް ބާސާ ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ފުރަތަމަ ލަނޑު ޖަހާދީ ލީޑު ނަގާދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ އޭނާ ބާސާއަށް މިސީޒަންގެ ލީގުގައި ކާމިޔާބުކޮށްދިން 16 ވަނަ ލަނޑެވެ. މިމެޗްގައި ބާސާގެ ދެވަނަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ޖަހާދިނީ އަންސޫ ފާތީއެވެ. އަދި ތިންވަނަ ލަނޑު ޖަހާދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ލެވަންޑޯސްކީއެވެ. ބާސާއިން މިމެޗްގައި ޖެހި ފަހު ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީ ފެރާން ޓޯރޭޒްއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ބާރސާއަށް ލިބިގެންދިޔައެވެ.
މިކާމިޔާބީއާއެކު ބާރސާއިން މިހާރު މިވަނީ 15 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެއީ ކުޅުނު 27 މެޗުން ލިބިފައިވާ 71 ޕޮއިންޓާއެކުއެެވެ. ދެވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. މިމެޗުން ބަލިވުމުން އެލްޗޭ އުޅެނީ 13 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.