ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ފުޓްބޯޅަ ކުލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗަކަށް ކުރިން ކުލަބު އީގަލްސްގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ހުރި އަޙްމަދު ނިމާދު (ނިމާ) ހަމަޖައްސައިފިއެވެ.
ނިއުރޭޑިއަންޓުން އެ ޓީމުގެ ކޯޗަކަށް ނިމާ ހަމަޖެއްސިއިރު، ވާދަވެރި ކުލަބް ވިކްޓަރީއިން ވަނީ މިދިޔަ ސީޒަނުގައި ނިއުއަށް ކޯޗުކަން ކޮށްދިން ސޮބާޙް މުޙައްމަދު ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސައިފައެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ފޭސްބުކް ޕޭޖުގައި އާދީއްތަ ދުވަހު ކުރި ޕޯސްޓެއްގައި ބުނީ އެ ޓީމުގެ ކޯޗެއްގެ ގޮތުގައި މި ސީޒަނުގައި މަސައްކަތްކުރާނީ ނިމާ ކަމަށާއި، އަދި ނިމާއާއެކު އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާނީ ކުރިން އެ ޓީމަށް ކުޅުނު އަދި އެ ޓީމުގެ ކެޕްޓަންކަންވެސް ކުރި ތަޖުރިބާކާރު ކުޅުންތެރިޔާ ފަރުހާދު އިސްމާއިލް ކަމަށެވެ.
މިދިޔަ ސީޒަނުގެ ބޮޑުބައިގައި އީގަލްސްގެ ކޯޗެއްގެ ޒިންމާވެސް ނިމާ ވަނީ ނަގައިފައެވެ. އަދި މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ދެވަނައިގެ ގޮތުގައި އީގަލްސް ނިންމާލުމުގައި ނިމާގެ ދައުރު ބޮޑެވެ.
ނިއުރޭޑިއަންޓްގެ ވާދަވެރި ވިކްޓަރީ އިން އަންނަނީ ދެވަނަ ޑިވިޝަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވިކްޓަރީއިން ވަނީ ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި ތަޖުރިބާކާރު މިޑްފިލްޑަރު މުޙައްމަދު އުމެއިރުގެ އިތުރުން ޒުވާން ޑިފެންޑަރު ފައިސަލް (ފައިޓޯ)ގެ ސޮއި ހޯދައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ނިއުރޭޑިއަންޓުންވެސް އަންނަނީ އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ނިއުރޭޑިއަންޓުން އަންނަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.