ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ޕްރީ-ސީޒަން ފަރިތަކުރުންތައް ފެށި ތިންވަނަ ޓީމަކަށް މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައި، ކޮލިފިކޭޝަން ބުރު ކުޅެގެން މުޅިން އަލަށް މި ފަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބުރު ސްޕޯޓްސް ކުލަބު ވެއްޖެއެވެ.
މާދަމާރޭ ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާއިރު، މިހާތަނަށް ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން ޕްރެކްޓިސް ކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް އަދި ބުރު ސްޕޯޓްސް ކްލަބް އެވެ. މިހާތަނަށް ފަރަތިކުރަން ކުރިޔަށް ނުގެންގޮސް ތިބި ކުލަބު ތަކަކީ ކްލަބް ވެލެންސިއާ، ޓީސީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓަރީ، ކްލަބް ގްރީން ސްޓްރީޓްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.
އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބުރު ސްޕޯޓްސް ކްލަބުން ވެސް ވަނީ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. އެ ގޮތުން ބުރުގެ ޕްރެކްޓިހުގައި ރޭ ވަނީ މިދިޔަ ސީޒަނުގައި ކްލަބް އީގަލްސް އަށް ކުޅުނު މުހައްމަދު ނާއިމް އާއި ޒުވާން ކީޕަރު، ޝައިހާން އަލީ އަދި ކްލަބް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސައިފް ވެސް ބައިވެރިވެފަ އެވެ.
މިއަހަރުގެ ސީޒަންގަ ކްލަބްތަކުން ޕްރީ ޕްރެކްޓިސް ފެށުން ލަސްވީ އެފްއޭއެމް އިން ލިބެންޖެހޭ ފައިސާގެ ކަންކަން ހަމަޖެހުން ލަސްވެގެން ދިއުމުންނެވެ. ގިނަ ކްލަބްތައް މި ވަގުތު ހިންގަނީ ހަމައެކަނި އެފްއޭއެމް އިން ދޭ މާލީ އެހީތެރިކަން ކަަމަށްވާ، ތިން މިލިއަން ރުފިޔާގެ ބަޖެޓަށް ފަށްތައިގެންނެވެ.
ބުރު ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ފުޓްބޯޅައިގައި ތަޖުރިބާރު ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.