ކުޅިވަރު

ވެޓެރަންސް ލީގު: ސިފައިންގެ ކުލަބާއި ހުޅުމާލެ ވެޓެރަންސް އެއްވަރު


ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓަރަންސް ލީގު 2023" ގައި އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބުން ކުޅުނު ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކްލަބާ 1-1 އިން އެއްވަރުވެއްޖެއެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފުރަތަމަ ހާފު ލީޑުގައި އޮވެގެން ނިންމާލީ ސިފައިންގެ ޓީމުންނެވެ. އެ ގޮތުން، ސިފައިންގެ ޓީމަށް މެޗުގައި ލީޑުނަގައިދިން ގޯލު ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޖަހައިދިނީ އިބްރާހިމް މުހައްމަދު އެވެ.

ހުޅުމާލެ ވެޓެރެންސްއިން މެޗުގެ 45 ވަނަ މިނިޓްގައި ވަނީ ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އަހުމަދު ގިތުރީސް (ގިތޫ) އެވެ. ހުޅުމާލެ ވެޓެރަންސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބާ އެކު ގްރޫޕް ބީގައި ދެން އޮތީ ސްޓެލްކޯ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ.

މުބާރާތުގައި މިއަދު ހަވީރު 16:30 ގައި ކުޅޭ މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ބައްދަލުކުރާނީ ހުރިއްޔާއާ އެވެ.