ކުޅިވަރު

ގައުމީ ޓީމުން ގިނަ މެޗުތައް ކުޅުން އެއީ މާޒިޔާއަށް އޮތް ފައިދާއެއް: ވެންކޯވް


ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ ގިނަ މެޗުތައް ކުޅުން އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އޮތް ފައިދާއެއް ކަމަށް އެ ޓީމުގެ ކޯޗު އިވާން ވެންކޯވް ބުނެފިއެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ ކުރިން ގައުމީ ފުޓުބޯޅަ ދަނޑުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވެންކޯވް ބުނީ މި މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މާޒިޔާގެ ސްކޮޑް ވަރުގަދަވުން ކަމަށެވެ.

ވެންކޯވް ބުނީ ރަނގަޅު ޕްރީ-ސީޒަނެއްގެ އިތުރުން ތިން ރަހުމަތްތެރިކަމުގެ މެޗެއް ކުޅެވިފައިވުން އެއީ ޕްރެޝަރު މެޗަކަށް އަންނައިރު އޮތް ފައިދާއެއް ކަމަށެވެ. އަދި ގައުމީ ޓީމުން މި ފަހުން ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަކީވެސް މާޒިޔާއަށް ލިބުނު ޕްރެކްޓިކްސް މެޗެއް ކަމަށް ވެންކޯވް ވަނީ ބުނެފައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކުލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތީ) ބުނީ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ދެ ހިތްހަމަޖެހުމެއް އެބައޮތް ކަމަށެވެ. އެގޮތުން އީގަލްސް އާއި މާޒިޔާގެ އޮތް ތާރީޚަކީ ހިތްހަމަޖެހުމެއް ކަމަށްވެސް ބުންޏެވެ. އީގަލްސްއާ މާޒިޔާގެ ތާރީޚަށް ބަލާކަމަށްވާނަމަ ކުރި ލިބެނީ އީގަލްސްއަށެވެ. އެހެންކަމުން އެއީ މި މެޗަށް ނުކުންނައިރު އޮތް ހިތްހަމަޖެހުމެއްގެ ގޮތުގައި ސާންތީ ވަނީ ފާހަގަކޮށްފައެވެ.

ސާންތީ ބުނީ މި މެޗަށް ނުކުންނައިރު، ހުރިހާ ގޮތަކުން ފައިދާއެއް އޮތީ މާޒިޔާއަށް ކަމަށެވެ. އެގޮތުން ޕްރީ-ސީޒަންގައި މާޒިޔާއިން ސައުދީ އަރަބިއްޔާއަށް ގޮސް ރަނގަޅު ތަމްރީނުތަކެއް ފުރިހަމަކޮށްފައިވާ ކަމަށާއި، ސައުދީގައި އެކުވެރިކަމުގެ ތިން މެޗު ކުޅެފައިވުންވެސް އެއީ އެ ޓީމަށް އޮތް ފައިދާއެއް ކަމަށް ސާންތީ ބުންޏެވެ.

ސާންތީ ބުނީ އީގަލްސްއިންވެސް ދުރާލާ މި ސީޒަނަށް ތައްޔާރީތައް ފެށި ކަމަށާއި، އެކަމަކު އެ ޓީމުން ގެއްލުނު ތިން ކުޅުންތެރިން ކަމަށްވާ ހަސަން ރާއިފް އަޙްމަދު (ހަންނަ)، ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) އަދި އަޙްމަދު ނޫމާން (ހެލްމެޓް) ގެއްލުން އެއީ ފޫ ނުބެއްދޭވަރު ބޮޑު ގެއްލުމެއް ކަމަށެވެ.

ޗެރިޓީ ޝީލްޑް މެޗުގައި މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އާއިލީގުގެ ރަނަރަޕް އީގަލްސް ބައްދަލުކުރާ މެޗު އޮންނާނީ ހޯމަ ދުވަހުގެރޭ 22:00 ގައެވެ.