ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލް މުބާރާތުގެ ފައިނަލަށް އެމްއޭސީއެލް އާއި އޭއާރްސީ ދަތުރުކޮށްފިއެވެ.
ފައިނަލުގެ ޖާގައެއް އެމްއޭސީއެލްއިން ހޯދީ އާދީއްތަ ދުވަހުގެ ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޝުގަ ކޯން އަތުން 89 ލަނޑުން މޮޅުވެގެންނެވެ.
މި މެޗުގެ ގުރު ދިމާވުމުން އެމްއޭސީއެލް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއެއް ނުބައިވެގެން ވަނީ 189 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 35 ލަނޑު ހެދި އިސްމާޢީލް އަލީ އާއި ނުބައިނުވެ ނުވަ ބޯޅައިން 33 ލަނޑު ހެދި މުޙައްމަދު ޝާފީގެ އިތުރުން އަށް ބޯޅައިން 31 ލަނޑު އެއްކުރި އަމީލް އަޙްމަދު މައުރޫފެވެ.
ޖަވާބުގައި ޝުގަ ކޯން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ ހެދުނީ 100 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 24 ބޯޅައިން 31 ލަނޑު ހެދި އަބްދުﷲ އަފީފާއި 15 ބޯޅައިން 21 ލަނޑު އެއްކުރި އިބްރާހީމް އަލީއެވެ.
މީގެ އިތުރުން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް އޭއާރްސީން ހޯދީ އާދީއްތަ ދުވަހުގެ ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި މީޓިއާސް އަތުން ހަ ވިކެޓުން މޮޅުވެގެންނެވެ.
މި މެޗުގެ ގުރު ދިމާވިމުން މީޓިއާސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 93 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 35 ލަނޑު ހެދި އިބްރާހީމް އަލީއެވެ.
ޖަވާބުގައި އޭއާރްސީ ކުޅެން އަރައި ހަވަނަ އޯވަރުގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން ވަނީ 99 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ހަތް ބޯޅައިން 34 ލަނޑު ހެދި އިބްރާހީމް ނަޝާތާއި 12 ބޯޅައިން 30 ލަނޑު ހެދި އިބްރާހީމް ހުސެއިނެވެ.
12 ޓީމު ވާދަކުރި މި ފަހަރުގެ އޯޕަން މުބާރާތުގެ ފައިނަލުގައި އެމްއޭސީއެލް އާއި އޭއާރްސީ ބައްދަލުކުރާއިރު، އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހަވީރެވެ.