ކުޅިވަރު

ޔުނައިޓެޑް ބަލިކޮށް ނިއުކާސަލް ތިންވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ތިންވަނައަށް ނިއުކާސަލް ޔުނައިޓެޑް ޖެހިލައިފިއެވެ.

ނިއުކާސަލުގެ ދަނޑުގައި ރޭ ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅެ އަދި ނިއުކާސަލުން ގިނަ ހަމަލާ އުފެއްދި މި މެޗްގައި ދެ ޓީމްގެ ފަރާތުންވެސް ވަނީ ވާދަވެރި ބަލާހިތްވާ ކުޅުމެއް ފެނިގެން ގޮސްފައެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ނިއުކާސަލަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް މި ހާފްގައިވެސް އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެތިން ހަމަލާއެއް އުފައްދާފައެވެ. އޭގެ ތެރެއިން އެ ޓީމުގެ އެލެގްޒެންޑާ އިސާކް އާއި ޖޯ ވިލޮކަށް ލިބުނު ފުރުސަތުތައް ފާހަގަ ވެގެންދިޔައެވެ. މި ދެ ހަމަލާ އާއި ނުރައްކާތެރި އެހެން ބައެއް ހަމަލާތައް ޔުނައިޓެޑުގެ ތަޖުރިބާކާރު ގޯލްކޯޕާ ޑޭވިޑް ޑެ ހެއާ ވަނީ މަތަކޮށްފައެވެ.

މި މެޗްގައި ނިއުކާސަލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި އެލެން ސެއިން މަކްސިމާ ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ ޖޯ ވިލޮކެވެ. އަދި ނިއުކާސަލުގެ ދެވަނަ ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ކެލުމް ވިލްސަންއެވެ.

މި ކާމިޔާބީއާއެކު ނިއުކާސަލް މިހާރު ވަނީ ކުޅުނު 27 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ޔުނައިޓެޑާ އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް، ފައިދާ ގޯލަށް ބަލާއިރު ނިއުކާސަލަށް ކުރިލިބޭތީއެވެ.

ޕްރިމިއާ ލީގުގައި މިހާރު ގިނަ ޓީމުތަކަށް ބާކީ 10 މެޗް އޮތްއިރު، އެއްވަނަ އަދި ދެވަނައަށް އާސެނަލާއި މެންޗެސްޓާ ސިޓީ ވާދަކުރަމުންދާއިރު، ތިންވަނަ އަދި ހަތަރުވަނައަށް އަންނަނީ ހަތަރު ޓީމެއް ވާދަކުރަމުންނެވެ. އޭގެތެރޭގައި ނިއުކާސަލާއި ޔުނައިޓެޑުގެ އިތުރުން ޓޮޓްނަމް ހޮޓްސްޕާ އާއި ބްރައިޓަން ހިމެނެއެވެ.