ސްޕެނިޝް ލީގުގައި ރެއާލް ވަޔޮޑޮލިޑާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ރެއާލުގެ ދަނޑުގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ހާފްގައި އެ ޓީމްގެ ކެޕްޓަން ކަރީމް ބެންޒެމާ ވަނީ ހެޓްރިކެއް ހަދާފައެވެ. މި މެޗުގައި ރެއާލުގެ ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނެޓްގައި ޖަހައިދިނީ ރޮޑްރިގޯއެވެ.
މި މެޗްގައި ރެއާލްގެ ދެވަނަ ލަނޑު މެޗްގެ 29 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބެންޒެމާއެވެ. އަދި މެޗްގެ 32 ވަނަ މިނެޓާއި 36 ވަނަ މިނެޓްގައި ބެންޒެމާ ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވަނީ މި މެޗްގައި ހެޓްރިކް ހަދާފައެވެ. މިއީ 1992 ވަނަ އަހަރު ރެއާލާއި އެސްޕަންޔޯލް ބައްދަލުކުރި މެޗްގައި ފެނާންޑޯ ހިއޭރޯ ހަ މިނެޓްގެ ތެރޭގައި ހެދި ހެޓްރިކަށްފަހު ސްޕެނިޝް ލީގުގައި ރެއާލުގެ ކުޅުންތެރިޔަކު ހެދި އެންމެ އަވަސް ހެޓްރިކެވެ.
މިމެޗްގައި ރެއާލްގެ ފަސްވަނަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހާދިނީ މާކޯ އަސެންސިއޯއެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކޭޒެވެ.
މި ކާމިޔާބީއާއެކު ރެއާލުން ތާވަލުގެ އެއްވަނައިގައި އުޅޭ ބާސެލޯނާއާ ދެމެދުގައިވާ ފަރަގު 12 ޕޮއިންޓަށް ކުޑަކުރި ނަމަވެސް، ބާސާ މިވަގުތު އޮތް ފޯމަށް ބަލާއިރު އެ ޓީމު އަތުލުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް މިއީ ސްޕެނިޝް ކަޕުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި އަންނަ ބުދަ ދުވަހުގެރޭ ބާސާއާ ދެކޮޅަށް ރެއާލް ނުކުންނައިރު، އެ ޓީމަށް އިތުރު ހިތްވަރަކާ އިތުބާރެއް ލިބިގެންދާނެ ފަދަ ނަތީޖާއެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.