އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި އެންމެ ބޮޑު ހޭދައެއްކުރި ޗެލްސީގެ ކޯޗުގެ މަގާމުން ގްރަހަމް ޕޮޓާ ވަކިކޮށްފިއެވެ.
ޗެލްސީން ޕޮޓާ މަގާމުން ވަކިކޮށްފައިވަނީ ހަތް މަސް ދުވަހަށް ވުރެވެސް ކުރު މުއްދަތެއްގެ ތެރޭގައެވެ. ޗެލްސީން ޕޮޓާ މަގާމުން ވަކިކޮށްފައިމިވަނީ މިދިޔަ ހޮނިހިރު ދުވަހު އެސްޓަން ވިލާ އަތުން އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުއެވެ. އެއީ ޕޮޓާގެ ކޯޗްކަމުގެ ދަށުން ޗެލްސީ ކުޅުނު 31 މެޗުގެ ތެރެއިން ބަލިވި 11 ވަނަ މެޗެވެ.
އެސްޓަން ވިލާ އަތުން ބަލިވުމާއެކު ޗެލްސީ ވަނީ ތާވަލުގެ 11 ވަނައަށް ފަހަތަށް ޖެހިލާފައެވެ. އަދި ގަދަ ހަތަރަކާ ދެމެދު 12 ޕޮއިންޓްގެ ފަރަގެއް އެބަހުއްޓެވެ.
ޕޮޓާ ޗެލްސީގެ ކޯޗުކަމާ ހަވާލުވެފައިވަނީ މި ފަހަރުގެ ސީޒަންވެސް ފެށިފަހުން އެ މަގާމުގައި ކުރިން ހުރި ތޯމަސް ޓުކެލް ވަކިކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. ޓުކެލްގެ ކޯޗުކަމުގެ ދަށުން ސީޒަން ފެށި ޗެލްސީން ވަނީ މި ސީޒަންގައި ޓީމު ވަރުގަދަ ކުރުމަށް 550 މިލިޔަން ޕައުންޑް ހޭދަކޮށްފައެވެ. އޭގެ ތެރެއިން 288 މިލިޔަން ޕައުންޑަކީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުޅުންތެރިން ގަތުމަށް ހޭދަކުރި ފައިސާއެވެ.
ޕޮޓާ މަގާމުން ވަކިކޮށް ޗެލްސީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ނިންމުމާއެކު ޓްރާންސިޝަންގެ ކަންތައްތައް އަމާންކަމާއެކު ގެންދިއުމަށް ޕޮޓާ ކުލަބާއެކު އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ. އަދި ވަގުތީ ގޮތުން ޗެލްސީގެ ކޯޗުކަމާ ހަވާލުވާނީ ބްރޫނޯ ސާލްޓާ ކަމުގައިވެސް ޗެލްސީން ހާމަކުރެއެެވެ.
ޕޮޓާ މަގާމުން ވަކިކޮށްފައިވާއިރު ޗެލްސީއަށް ކުރިއަށް އޮތީ ވަރަށް ބާރު ބޮޑު ދުވަސްކޮޅެކެވެ. އެގޮތުން އަންނަ އަންގާރަ ދުވަހު ލީގުގައި ލިވަޕޫލާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް މި މަހުގެ 12 ވަނަ ދުވަހު ނުކުންނާނެއެވެ.
ޕޮޓާ އާއެކު މި ސީޒަނުގެ ޕްރިމިއާ ލީގުގައި 13 ކޯޗެއް މިހާތަނަށް ވަނީ މަގާމުން ވަކިކޮށްފައެވެ.