ކުޅިވަރު

ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ރޮޖާސް ވަކިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ބްރެންޑަން ރޮޖާސް ވަކިކޮށްފިއެވެ.

ލެސްޓާގެ ކޯޗުކަމުން ރޮޖާސް ވަކިކުރަން އެ ކުލަބުގެ ބޯޑުން ނިންމީ މި ސީޒަނުގައި އެ ޓީމުން ދައްކަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން، އެކަމުން އަރައިގަތުމަށް އިތުރު ގޮތެއް ހޯދުމަށެވެ.

ރޮޖާސްގެ ކޯޗުކަމުގެ ދަށުން ލެސްޓާ ކުޅުނު އެންމެ ފަހު މެޗަކަށް ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވުމާއެކު، ލެސްޓާ މިހާރު ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައެވެ.

ލެސްޓާގެ ކޯޗުކަމަށް ރޮޖާސް އައްްޔަންކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި އޭނާގެ ކޯޗުކަމުގެ ދަށުން ލެސްޓާ ވަނީ 2021 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

ލެސްޓާގެ ޗެއާމަން ވަނީ މި ސީޒަނުގައި އެ ޓީމުން ދައްކަމުންދާ ކުޅުމާއި ނެރެފައިވާ ނަތީޖާއާ މެދު ހިތްހަމަނުޖެހޭކަން ހާމަކޮށްފައެވެ. އެހެންކަމުން ބާކީ 10 މެޗު އޮއްވައި ޓީމު ހަމައަކަށް އެޅުވުމަށްޓަކައި މިއީ މި ވަގުތަށް އަޅަން އެންމެ މުހިންމު ފިޔަވަޅު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ލެސްޓާގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ރޮބީ ސެވޭޖް ވަނީ ރޮޖާސްއާއެކު އެ ޓީމުން ގިނަ ކާމިޔާބީތަކެއް ހާސިލުކޮށް، ކުރިއެރުންތަކެއް މިދިޔަ ސީޒަންތަކުގައި ހޯދާދީފައިވާ ކަމަށް ބުނެފައެވެ. އަދި ބޮޑެތި ކުލަބުތަކުން ރޮޖާސް ހޯދުމަށް ކުރި މަސައްކަތަށް ބީރު ކަންފަތެއްދީ، އޭނާ ލެސްޓާއަށް ވަފާތެރިކަމާއެކު މިހާތަނަށް ޚިދުމަތް ކޮށްދީފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން ލެސްޓާގެ މި ނިންމުން ރަނގަޅު ނިންމުމަކަށް ވެގެންދާނީ މި ސީޒަނުގައި ރެލިގޭޝަނުން ސަލާމަތްވުމުން ކަމަށްވެސް ސެވޭޖް ވަނީ ބުނެފައެވެ.

ލެސްޓާގެ ކޯޗުގެ މަގާމުން ރޮޖާސް ވަކިކުރިއިރު، މި ސީޒަނަށް އެ ކުލަބު ވަރުގަދަކުރުމަށް މާ ބޮޑު ކަމެއް ކޮށްފައިނުވާތީ އެ ކަމަށް އޭނާ ވަނީ ފާޑު ކިޔާފައެވެ. މިސީޒަން ފެށިއިރުވެސް ޓީމު ވަރުގަދަ ކުރަން ކުޅުންތެރިއެއް ގެނެސްފައިނުވާއިރު، އެ ޓީމަށް މި ސީޒަންގައި ގެނެސްފައިވަނީ ޑިފެންޑަރ ވޫޓް ފައެސް އާއި ގޯލްކީޕަރު އެލެކްސް ސްމިތީސްއެވެ.

ރޮޖާސްގެ ކޯޗުކަމުގެ ދަށުން ލެސްޓާ ކުޅުނު 204 މެޗުގެ ތެރެއިން މޮޅުވެފައިވަނީ 92 މެޗުންނެވެ.