ކުޅިވަރު

މައޭމީ އޯޕަން: ޗެމްޕިއަންކަން މެޑްވެޑޭވް އާއި ކްވިޓޯވާއަށް


މައޭމީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއި ޗެކް ރިޕަބްލިކުގެ ޕެޓްރާ ކްވިޓޯވާ ހޯދައިފިއެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މެޑްވެޑޭވް ހޯދީ ރޭ ކުޅުނު ފައިނަލުގައި އިޓަލީވިލާތުގެ ޔަނިކް ސިނާއާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓް ހަތެއް ފަހަކުން މެޑްވެޑޭވް ކާމިޔާބުކުރިއިރު، ދެވަނަ ސެޓު އޭނާ ގެންގޮސްފައިވަނީ އެއަށްވުރެ ފަސޭހަކަމާއެކު ހައެއް ތިނަކުންނެވެ.

މި ސީޒަންގައި މިވަގުތު އެންމެ ފޯމުގައި ހުރި މެޑްވެޑޭވް މިހާރު ވަނީ މި އަހަރު އޭޓީޕީ ހަތަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދުބާއީ އާއި ދޯހާ އޯޕަން އަދި ރޮޓަޑަމް އޯޕަން މުބާރާތެވެ. އަދި މައޭމީ އޯޕަންގެ ކުރިން ބޭއްވި އިންޑިއަން ވެލްސް މުބާރާތުގެ ފައިނަލުގައިވެސް މެޑްވެޑޭވް ވަނީ ވާދަކޮށްފައެވެ.

ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން މެޑްވެޑޭވް ބުނީ ޗެމްޕިއަންކަން ލިބުމުން ވަރަށް އުފާވާ ކަމަށާއި އަދި މިއީ ފަސޭހަ ފައިނަލެއް ނޫން ކަމަށެވެ. އަދި މިއީ މި ފަހަރުގެ މައޭމީ އޯޕަންގައި އެންމެ ހޫނުގަދަ ދުވަސްކަމުން، އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވެގެންދިޔަ ކަމަށްވެސް ބުންޏެވެ.

މި މުބާރާތުގެ އަންހެނުންގެ ބަޔަށް ބަލާލާއިރު މިބައިގެ ޗެމްޕިއަންކަން ހޯދީ ޕެޓްރާ ކްވިޓޯވާއެވެ. އަންހެން ޗެމްޕިއަންކަން ކްވިޓޯވާ ހޯދީ ފައިނަލުގައި ކަޒަކިސްތާންގެ އެލޭނާ ރީބަކީނާއާ ބައްދަލުކުރި ފައިނަލް މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ ފުރަތަމަ ސެޓު ވެގެންދިޔައީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ސެޓަކަށެވެ. މިގޮތުން ހައެއް ހަޔަކުން ދެ ކުޅުންތެރިން އެއްވަރުވެ ޓްއި-ބްރޭކަކަށް ގޮސް ސޯޅަ ސާދައިން ކާމިޔާބުކުރީ ކްވިޓޯވާއެވެ. އެކަމަކު ފުރަތަމަ ސެޓާ ޚިލާފަށް މި މެޗުގެ ދެވަނަ ސެޓުގައި ރީބަކީނާގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެއް ނުވެއެވެ. އެއާއެކު މި ސެޓު ކްވިޓޯވާ ކާމިޔާބުކުރީ ހައެއް ދޭކުންނެވެ.

މިއީ މި މުބާރާތުގައި ވާދަކުރާތާ 13 އަހަރުވެފައިވާ ކްވިޓޯވާ ފައިނަލުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.