މިިދިޔަ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއިކޮށްފިއެވެ.
ދެވަނަ ޑިވިޝަނުގައި މި ވަގުތު އޮތް ނިއު ރޭޑިއަންޓަށް ސޮއިކުރި މުލަކޭ ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން 2013 ވަނަ އަހަރު ކުލަބު އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި މުލަކޭ ވަނީ 2015 ވަނަ އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެ، އެ ޓީމާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ.
އެގޮތުން މުލަކޭ ވަނީ މާޒިޔާއާއެކު ދިވެހި ޕްރިމިއާ ލީގާއި، މާލޭ ލީގުގެ އިތުރުން އެފްއޭ ޗެރިޓީ ޝީލްޑް ދެ ފަހަރު ކާމިޔާބުކޮށްފައެވެ. މާޒިޔާގައި ރަނގަޅު އަހަރުތަކެއް ހޭދަކުރުމަށް ފަހު މުލަކޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ބަދަލުވިއިރު، އެންމެ ފަހުން އޭނާ ފެނިފައިވަނީ މިދިޔަ ސީޒަނުގައި ސަސްއިންނެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ނިއު ރޭޑިއަންޓުން ފަށާފައިވާއިރު، އެ ކުލަބުން ދާދި ފަހުން ވަނީ ކޯޗުގެ މަގާމަށް ކުލަބު އީގަލްސްގެ ކުރީގެ އެސިސްޓަންޓް ކޯޗު އަޙްމަދު ނިމާދު (ނިމާ) ހަމަޖައްސާފައެވެ. އަދި ނިމާއާއެކު އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާނީ ކުރިން އީގަލްސްއަށް ކުޅުނު އަދި އެ ޓީމުގެ ކެޕްޓަންކަންވެސް ކުރި ތަޖުރިބާކާރު ކުޅުންތެރިޔާ ފަރުހާދު އިސްމާޢީލެވެ.