އެމެރިކާގެ ދެކުނާއި މެދު-ހުޅަނގުގެ ސަރަޙައްދުތަކަށް އަރާފައިވާ ބާރުގަދަ ތޫފާނާއި ނަގޫރޯޅިތަކުގައި މަރުވި މީހުންގެ ޢަދަދު 32 އަށް އަރައިފިއެވެ. ތޫފާނާ އެކު ޖެހެމުންދިޔަ ބާރު ވައިގެ ސަބަބުން ޓެނެސީ ސްޓޭޓްގެ މެމްފިސްގައި ގެއެއްގެ މައްޗަށް ބިޔަ ގަހެއް ވެއްޓުމުގެ ސަބަބުން މަރުވި ތިން މީހެއްގެ ހަށިގަނޑު ފެނި، މަރުވި މީހުންގެ ޢަދަދު މި ވަނީ އުފުލިފައެވެ.
މެމްފިސްގައި މަރުވެފައި ވަނީ ކުޑަ ދެ ކުދިންނާއި ބޮޑު މީހެކެވެ. ޓެނެސީގެ މެކްނެއިރީގައި ވެސް ހަތް މީހަކު މަރުވެފައިވާ ކަމަށް ކުރިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، ފަހުން އިތުރު ދެ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ޓެނެސީގެ އިތުރު ތިން ކައުންޓީއަކުން އިތުރު ބަޔަކު މަރުވެފައިވާ ކަމަށް ވެސް އެ ސްޓޭޓްގެ ޞިއްޙަތާ ބެހޭ އިދާރާއިން ބުނެއެވެ.
އިންޑިޔާނާ ސްޓޭޓްގެ އޮވެން ކައުންޓީއިން ވެސް މަރުވެފައިވާ ދެމަފިރިއެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އެ ދެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ މެކޯމިކްސް ކްރީކް ސްޓޭޓް ޕާކުގެ ކޭމްޕު ކުރާ ސަރަޙައްދަކުންނެވެ. މީގެ އިތުރުން އާކެންސޯ، އިލިނޯއީ، އިންޑިޔާނާ، ޑެލަވެއާ، މިސިސިޕީ އަދި އެލެބާމާއަށް އެރި ނަގޫރޯޅިތަކުގެ ސަބަބުން 15 މީހުން ވަނީ މަރުވެފައެވެ.
މި ހާދިސާތަކާ ގުޅިގެން ރައީސް ޖޯ ބައިޑަން ވަނީ އާކެންސޯ ސްޓޭޓްގައި "ބޮޑު ކާރިސާއެއްގެ" ހާލަތު އިޢުލާނު ކުރައްވާފައެވެ. އަދި، ހާލުގައި ޖެހައިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސުންނާފަތިވެފައިވާ ރަށްތަކާއި ޢިމާރާތްތައް އާރާސްތުކުރުމަށް ފައިސާ ހަމަޖައްސަން އޭނާ ވަނީ ކަމާ ގުޅޭ އިދާރާތަކަށް އަންގަވާފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެމެރިކާގެ ދެކުނާއި މެދު-ހުޅަނގުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމުގައި އެ ޤައުމުގެ ތޫފާންތައް މޮނީޓަރުކުރާ އިދާރާއިން އިންޒާރު ކުރެއެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ޓެކްސަސް ސްޓޭޓްގެ އުތުރާއި އިރުއުތުރަށް ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ. އެ ސަރަޙައްދުތަކަށް ގަނޑުފެން ފައިބާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެ އިދާރާއިން ވަނީ އިންޒާރުކޮށްފައެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން މިސިސިޕީގެ ރޯލިންގް ފޯކްއަށް ވެސް ބާރުގަދަ ނަގޫރޯޅިއެއް އަރާފައިވެއެވެ. އެ ހާދިސާގައި 26 މީހުން މަރުވެ، 400 އަށްވުރެ ގިނަ ޢިމާރާތަށް ވަނީ ގެއްލުން ލިބިފައެވެ.