ކުޅިވަރު

ޗެލްސީ އާއި ލިވަޕޫލުގެ ކުރިމަތިލުން އެއްވަރު


އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.
'
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޗެލްސީ އާއި ލިވަޕޫލްގެ ކުޅުންތެރިންގެ ފަރާތުން އެދެޓީމްގެ މޮޅު ކުޅުން މިމެޗްގައި ފެނިގެންދާގޮތެއް ނުވިއެވެ. މިއީ ޗެލްސީގެ ކޯޗް ގްރަހަމް ޕޮޓަރ މަގާމުން ވަކިކުރިފަހުން ޗެލްސީ ކުޅުނު ފުރަތަމަ މެޗެވެ.

މެޗްގައި ޗެލްސީގެ ކޯޗެއްގެގޮތުގައި ވަގުތީ ގޮތުން ހަރަކާތްތެރިވެފައިވަނީ ބްރޫނޯ ސާލްޓޯއެވެ. އަދި އެންމެ ފަހުން މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗްގައި ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައިވުމުގެ ސަަބަބުން ލިވަޕޫލްގެ ކޯޗް ޔަރގަން ކްލަޮޕްވަނީ އެމެޗްގައި ކުޅުނު ޓީމަށް ހަ ބަދަލެއް ގެނެސްފައެވެ.

މިގޮތުން މިމެޗްގެ ފުރަތަމަ އެގާރައިގާ މުހައްމަދު ސަލާހް އާއި ދެ ފުލް ބެކުން ކަމަށްވާ ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑް އާއި އެންޑީ ރޮބަރޓްސަން ހިމަނާފައެއް ނުވެއެވެ. އަދި ބަލިވުމުގެ ސަބަބުން ވާޖިލް ވެން ޑައިކްވެސް މިމެޗުން ފެނިގެން ގޮސްފައެއްނުވެއެވެ.

މިމެޗްގައި ކިރިޔާވެސް ނުރައްކާތެރި ހަމަލާއެއް އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިގޮތުން މަޓިއޯ ކޮވަސިޗް ފޮނުވާލި ހަމަލާއެއް ވަނީ ލިވަޕޫލްގެ ގޯލްގެ ރޮނގުމަތިން ދިފާއު ކޮށްފައެވެ. އަދި ކައި ހަވާޓްޒް ޖެހި ލަނޑެއް އޭގެ ކުރިން އަތުގައި ޖެހިފައިވުމުން ވީއޭއާރުން ގޯލް ބަލައިގެންފައިނުވާއިރު ރީސް ޖޭމްސް ޖެހި ލަނޑެއް ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. މިމެޗްގައި ޗެލްސީއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ގިނަ ދުވަހު އަނިޔާގައި އުޅުނު އެންގޯލޯ ކާންޓޭ ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގާ ހިމެނިގެން މިމެޗްގައި ކުޅެފައިވުމެވެ.

މިމެޗް އެއްވަރު ވުމުން ޗެލްސީ އުޅެނީ ކުޅުނު 29 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ. އަދި ލިވަޕޫލް އުޅެނީ 28 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ. މި ނަތީޖާގެ ސަބަބުން އެޓީމް ގަދަ ހަތަރަކުން ޖާގަހޯދުމަށް ކުރަމުންދާ އުންމީދުތަކަށް މިވަނީ އިތުރު ހުރަހެއް ކުރިމަތިވެގެންގޮސްފައެވެ.

އަންނަ އާދިއްތަ ދުވަހު ތާވަލްގެ އެއްވަނައިގާ އުޅޭ އާސެނަލް އާއި އަމިއްލަ ދަނޑުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު އެ މެޗުން މޮޅުވުމަށްވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ.