އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި އޭއެފްސީ ބޯންމޯތު ބައްދަލުކުރި މެޗް ކާމިޔާބުކޮށް އަންނަ ސީޒަންގައި ޔޫރަޕްގައި ކުޅުމަށް ބްރައިޓަންއިން ކުރާ އުންމީދު އާކޮށްފިއެވެ.
ބޯންމޯތުގެ ދަނޑުގައި ކުޅުނު މިމެޗް ބްރައިޓަން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންފިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަންއިންނެވެ. މިމެޗްގައި ބްރައިޓަންއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދިނީ އިވާން ފަރގަސަންއެވެ. އަދި މި މެޗްގައި ބްރައިޓަންގެ ދެވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ހޫލިއޯ އެންސިސްކޯއެވެ.
މި ކާމިޔާބާއެކު ބްރައިޓަން މިހާރު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 46 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ. އަދި ހަތަރު ވަނައިގާ އުޅޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެމެދު މިހާރު އޮތީ ހަތަރު ޕޮއިންޓްގެ ތަފާތެވެ. އަދި ބްރައިޓަންއިން ނުކުޅެ ދެމެޗް އެބައޮތެވެ. އެހެންކަމުން އެޓީމަށް ގަދަ ހަތަރަކަށް އަރާ އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަކީ ނުވާނެކަމެއް ކަމަށް ބުނެވޭކަށް ނެތެވެ.
އަދި މިއަންނަ ހޮނިހިރު ދުވަހު ބްރައިޓަން އާއި ސްޕަރސް އާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ބްރައިޓަންގެ ކޯޗް ރޮބާޓޯ ޑި ޒަރބީ ހާމަކުރިގޮތުގައި އޭނާގެ ކުޅުންތެރިން ސީޒަންގެ ބާކީ އޮތް ބައިގާ ނަފްސާނީ ގޮތުން ވަރުގަދަވެ ވަރަށް ވިސްނައިގެން ކުޅުން މުހިންމު ކަމަށެވެ. އަދި އެއާއެކު މިއަންނަ ސީޒަންގައި ޔޫރަޕްގައި ކުޅުމުގެ އުންމީދު ކޮންމެ ކުޅުންތެރިއެއްގެ ކިބައިގާ އޮތުންވެސް މުހިންމު ކަމަށެވެ.
ބްރައިޓަން އެންމެ ފަހުން ލީގުގައި ކުޅުނު 11 މެޗްގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި ރަށުން ބޭރުގައި މިދިޔަ އަހަރުގެ އޮކްޓޯވަރު މަހަށްފަހު ބަލިވެފައެއް ނުވެއެވެ.