މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރުމުގެ ދައުވަތު ސައުދީ އަރަބިއްޔާ އާއި މެލޭޝިޔާއަށް ފޮނުވައިފިއެވެ.
މިކަން ކަށަވަރުކޮށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ސަރަހައްދީ ބައެއް މީޑިއާތަކުގައި ވެސް ވާހަކަދައްކާފައެވެ. އަންނަ ޖޫން މަހު އިންޑިއާގެ ބެންގަލޫރުގައި ކުޅެން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ސަރަހައްދުން ބޭރު ޓީމު ބައިވެރިކުރަން ނިންމީ އެގްޒެގެޓިވް ކޮމިޓީގެ ބައްދަލުވުމުގައެވެ.
ޖޫން 21 އިން .ޖުލައި 3 އަށް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި މި ދެ ޤައުމާ ބައިވެރިވާނަމަ ޖުމްލަ 8 ޤައުމު ވާނެއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ސްރީލަންކާ އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެއެވެ. އެހެންކަމުން ދެން މި މުބާރާތުގައި ވާދަކުރެވޭނީ ހަ ޤައުމަކަށެވެ. އެއީ އިންޑިއާ، ރާއްޖެ، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝް އެވެ.
އިންޑިއާގެ މީޑިއާގައި ވާހަކަދައްކަމުން ސާފްގެ ރައީސް ބަންގްލަދޭޝްގެ ކާޒީ ސަލާހުއްދީން ބުނީ މިފަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ދައުވަތު ފޮނުވާފައިވަނީ މެލޭޝިއާ އާއި ސައުދީ އަަރަބިއްޔާ އަށް ކަމަށާއި އުއްމީދުކުރަނީ ދެ ޤައުމުންވެސް ބައިވެރިވާނެ ކަމަށެވެ.
ބެލެވޭގޮތުގައި ދެ ޤަައުމުންވެސް ވާދަކުރަން ފޮނުވާނީ ޒުވާން ޓީމެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.