ޚަބަރު

މިޔަންމާގެ އަސްކަރިއްޔާއިން ޙަމަލާދީ ޢާންމުންގެ ގިނަ ބަޔަކު މަރާލައިފި


މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ ޢާންމު ރައްޔިތުން ދިރިއުޅޭ އަވަށަކަށް ވައިގެ ޙަމަލާތަކެއްދީ ގިނަ ޢަދަދެއްގެ ބަޔަކު މަރައިލައިފިއެވެ. ޢާންމުން ދިރިއުޅޭ އަވަށަކަށް ވައިގެ ޙަމަލާތަކެއް ދީފައިވާނެ ކަން މިޔަންމާގެ އަސްކަރީ ސަރުކާރުން ކަށަވަރު ކޮށްދިނުމާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މިޔަންމާގެ ސަރުކާރަށް ފާޑުކިޔާފައިވާ ފަރާތްތަކުގެ ތެރޭގައި އ.ދ.އާއި ހުޅަނގުގެ ޤައުމުތައް ހިމެނެއެވެ.

މިޔަންމާގެ އަސްކަރީ މަތިންދާބޯޓުތަކުން ވައިގެ ޙަމަލާތައް ދީފައި ވަނީ އެ ޤައުމުގެ މެދުގައި އޮންނަ ޒަގައިންގްގެ އަވަށަކަށެވެ. މި ހަމަލާގައި އެ އަވަށުގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ތެރެއިން 50 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމުގައި ބީ.ބީ.ސީ.ގެ އިތުރުން ރޭޑިޔޯ ފްރީ އޭޝިޔާއާއި އެހެން ނޫސް އިދާރާތަކުން ރިޕޯޓުކުރެއެވެ. ނަމަވެސް، މަރައިލާފައިވާ މީހުންގެ ޢަދަދު ކަށަވަރު ކުރެވޭނެ ގޮތެއް ނެތެވެ.

ޒަގައިންގްގެ އަވަށަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާނެ ކަން މިޔަންމާގެ ސަރުކާރުން ކަށަވަރުކޮށްދޭއިރު، އެއީ ވަރަށް "ބިރުވެރި" ޙަމަލާތަކެއް ކަމަށް ސިފަކުރައްވައި، އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ފޮލްކަރ ތުރްކް ވަނީ މިޔަންމާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ޙަމަލާގައި މަރުވި މީހުންގެ ތެރޭގައި ސްކޫލެއްގެ ދަރިވަރުންތަކެއް ވެސް ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ހަނގުރާމައިގެ ނަމުގައި ޢާންމުންނަށް ޙަމަލާދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން މަނާ ކަމެއް. ނަމަވެސް، މިޔަންމާގެ އަސްކަރީ ސަރުކާރުން މި ވަނީ އެ ކަމަށް އިޙުތިރާމު ނުކޮށް ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރައިލާފައި،" ތުރްކް ވިދާޅުވިއެވެ. މި ޙަމަލާގައި މަރުވި މީހުންގެ ޢަދަދު އ.ދ.އަށް ވެސް އަދި ސާފުވެފައެއް ނުވެއެވެ.
އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ މި ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި، އެ ޤައުމުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.

އެމެރިކާއިން ވެސް ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުން، އެ ޤައުމުގެ ރައްޔިތުންގެ އިންސާނީ ކަރާމާތަށް ވެސް ބެލުމެއް ނުބަހައްޓާ ކަން މި ފަދަ ހަމަލާތަކުން ދޭހަވާ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. އަދި، އެ ޤައުމުގެ ރައްޔިތުންނަށް ޖެހިފައިވާ ބިކަ ހާލުގެ އަސްލަކީ އެ ޤައުމުގެ އަސްކަރިއްޔާ ކަމުގައި ވެސް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވެދާންޓް ޕަޓޭލް ވިދާޅުވިއެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ތަރުޖަމާނު ޒަވް މިން ތުން ބުނީ ޙަމަލާ ދީފައި ވަނީ ސަރުކާރާ ދެކޮޅަށް ހަތިޔާރު ނަގާފައިވާ ޖަމާޢަތެއް ކަމުގައިވާ ޕީޕަކްސް ޑިފެންސް ފޯސްގެ އޮފީހަކަށް ކަމުގައެވެ. އެ ޖަމާޢަތަކީ، މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ އިންތިޚާބީ ސަރުކާރާ ދެކޮޅަށް 2021 ވަނަ އަހަރު ހިންގާފައިވާ ބަޣާވާތާ ދެކޮޅު ގުރޫޕެއް ކަމުގައި ވެސް އޭނާ ބުންޏެވެ. މި ޙަމަލާގައި މަރުވި މީހުންގެ ޢަދަދު 100 އަށްވުރެ އިތުރުވާނެ ކަމަށާއި، މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމުގައި ޕީޕަލްސް ޑިފެންސް ފޯސް ޖަމާޢަތުން ބުނެއެވެ.

ނަމަވެސް، ޙަމަލާގައި ޢާންމުން މަރުވެފައިވާ ކަން މިޔަންމާގެ ސަރުކާރުން ދޮގު ކުރެއެވެ. އަދި، މަރައިލާފައި ވަނީ ޢާންމުންގެ ހެދުން އަޅައިގެން ތިބި އިދިކޮޅު ހަނގުރާމަވެރިން ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އަދި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ އެ ގުރޫޕުން މައިނެއް ގޮއްވައިލުމުގެ ސަބަބުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ތެދުވާ މީހުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި، ސަރުކާރާ ދެކޮޅަށް އަޑުއުފުލާ، މުޒާހަރާ ކުރާ މީހުންނަށް ޙަމަލާދެމުންނެވެ. 2021 ވަނަ އަހަރުގެ ބަޣާވާތާ ގުޅިގެން އަސްކަރީ ސަރުކާރާ ދެކޮޅަށް ތެދުވި 3,100 ގިނަ މީހުން މަރައިލާފައިވާ ކަމުގައި، މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހުސްވި 2022 ވަނަ އަހަރު ވެސް މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އެހެން ސަރަޙައްދަކަށް ޙަމަލާދީ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރައިލާފައެވެ. ސަރުކާރާ ދެކޮޅަށް ހަތިޔާރު ނަގާފައިވާ އެހެން ޖަމާޢަތެއް ކަމުގައިވާ ކަޗީން އިންޑެޕެންޑެންސް އާމީއާ ދެކޮޅަށް ކަމަށް ބުނެ މިޔަންމާގެ އަސްކަރިއްޔާއިން ދިން ވައިގެ ޙަމަލާތަކުގައި 50 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، 70 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ.