ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގަންގް ފިލިޕީންސަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ފަރޑިނާންޑް މަރްކޯސާ ބައްދަލުކުރައްވައިފިއެވެ. ޗިން ފިލިޕީންސަށް ވަޑައިގަންނަވާފައި މި ވަނީ، އެ ފިލިޕީންސާއި އެމެރިކާއާ ދެމެދު އަސްކަރީ ގޮތުން ގުޅުންތައް ބަދަހިކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާއާއި ފިލިޕީންސް ގުޅިގެން ދާދި ފަހުން ވަނީ މިހާތަނަށް ބާއްވާފައިވާ އެންމެ ބޮޑު އަސްކަރީ ތަމްރީނުތައް ވެސް ބާއްވާފައެވެ.
ޗިންގެ މި ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ ޗައިނާއާއި ފިލިޕީންސާ ދެމެދު ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުން ކަމުގައި ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި މިލްކުވެރިކަމާ މެދު ޚިޔާލުތަފާތުވެފައިވާ ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމުގައި އެ ވުޒާރާއިން ބުނެއެވެ.
މަރްކޯސާ ބައްދަލުކުރެއްވުމުގެ ކުރިން ޗިން ވަނީ ފިލިޕީންސްގެ ޚާރިޖީ ވަޒީރު އެންރީކޭ މަނާލޯއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައިގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި، މަސްރަޙު ހޫނުވެފައިވުމުގެ ސަބަބުން މަނާލޯ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމުގައި ފިލިޕީންސްގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.
އަދި، ޗައިނާގެ "އެއް ޗައިނާ" ސިޔާސަތަށް ފިލިޕީންސުން އިޙުތިރާމުކުރި ނަމަވެސް، ތައިވާން ސްޓްރެއިޓްސް ނުވަތަ ޗައިނާއާއި ތައިވާނާ ދެމެދު އޮންނަ ކަނޑުގެ ސަރަޙައްދުގައި އަސްކަރީ ހަރަކާތްތައް އިތުރު ކުރަމުންދާތީ އެ ކަމާ މެދު ވެސް މަނާލޯ ކަންބޮޑުވުން ފާޅުކުރެއްވި ކަމުގައި ވެސް އޭނާގެ އޮފީހުން ބުނެއެވެ.
ތައިވާނަކީ ޑިމޮކުރަސީގެ ހަމަތަކުގެ މަތިން ވެރިކަން ކުރާ ސަރަޙައްދެއް ނަމަވެސް، އެއީ ޗައިނާގެ ބައެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ. އަދި، ބާރުގެ ބޭނުންކޮށްގެން ނަމަވެސް، ޗައިނާގެ ބާރުގެ ދަށަށް ތައިވާން ކޮންމެ ވެސް ދުވަހަކުން ގެންނާނެ ކަމުގައި ޗައިނާއިން ދަނީ ބުނަމުންނެވެ.
ތައިވާނުގެ މައްސަލައިގައި ޗައިނާއިން ސަރަޙައްދީ ހަމަޖެހުން ނަގައިލަން އުޅޭ ކަމަށް ދެކެވެމުންދާ ވާހަކަތަކަށް ދާދި ފަހުން ޝެންގްހާއީގައި ބޭއްވި ބައްދަލުވުމެއްގައި ޗިން ވަނީ ރައްދު ދެއްވާފައެވެ. އަދި، އެ ފަދަ ސާބިތުނުހިފޭ ވާހަކަތަކުގެ ސަބަބުން ނިކުންނާނެ ނަތީޖާ ވަރަށް ހިތިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ޗައިނާއިން ދާދި ފަހުން ވަނީ ތައިވާނާ ދެމެދުގައި އޮންނަ ކަނޑުގެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ. މި ތަމްރީނުތައް ބާއްވާފައި ވަނީ، ތައިވާނުގެ ރައީސް ސައި އިންގް-ވެން ދެކުނު އެމެރިކާގެ ދެ ޤައުމަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން އެމެރިކާއަށް ވައައިގަންނަވައި، އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދަލުކުރެއްވުމާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.