ޚަބަރު

ވަގަށް ގެންގޮސްފައިވާ ޔޫކްރެއިނުގެ ކުޑަކުދިން ސަލާމަތްކުރަން ޗައިނާގެ އެހީތެރިކަމަށް އެދެފި


ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ވަގަށް ގެންގޮސްފައިވާ ކަމަށް ބުނާ ޔޫކްރެއިނުގެ ކުޑަކުދިން ސަލާމަތްކޮށްދިނުމުގައި ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. އެ ކުދިން އަނބުރާ ޤައުމަށް ގެނައުމުގައި އެހީތެރިވެދިނުމަށް އެދި ޗައިނާގެ ކިބައިން ޒެލެންސްކީ އެދިވަޑައިގަތީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގްއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޒެލެންސްކީއާއި ޝީ މި ހަފުތާގައި ވަނީ ފޯނުން ގުޅުއްވައި، ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެއީ، 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ސިފައިން ޔޫކްރެއިނަށް އެރި ފަހުން ޒެލެންސްކީއާއި ޝީ ވާހަކަފުޅު ދައްކަވާފައިވާ ފުރަތަމަ ފަހަރެވެ.

"ވަގަށް ގެންގޮސްފައިވާ ކުޑަކުދިން ސަލާމަތް ކުރުމަށް އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ. މި ކަމުގައި ރަޝިޔާއަށް ބާރުއެޅުމަށް ޗައިނާގެ ކިބައިން އަޅުގަނޑު ވާނީ އެދިފައި. މި ކަމުގައި އ.ދއިން ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. ނަމަވެސް، އަދި މިހާތަނަށް މާ ބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނުވޭ،" ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޗައިނާއިން ގެންގުޅެނީ މެދުމިނުގެ ސިޔާސަތެއް ކަމުގައި އެ ޤައުމުން ބުނެއެވެ. އަދި، ވަކި ފަރާތަކަށް ބުރަވާން އެ ޤައުމުން ދެކޮޅު ހެދި ނަމަވެސް، ޗައިނާއިން ދަނީ ރަޝިޔާއާ އެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. ޗައިނާއިން ރަޝިޔާގެ އަމަލުތަކާއި ހަނގުރާމަ ކުށްވެރިކޮށްފައެއް ވެސް ނުވެއެވެ. ނަމަވެސް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޗައިނާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ފެބުރުވަރީ މަހުގެ ތެރޭގައި ޗައިނާއިން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އަމަލުކުރަންވީ ގޮތްތައް ބަޔާންކޮށް ޚާއްޞަ ޕްލޭނެއް ނުވަތަ ހުށަހެޅުމެއް ހުށަހަޅާފައެވެ. އަދި، މާރިޗު މަހުގެ ތެރޭގައި ޝީ ވަނީ މޮސްކޯއަށް ވަޑައިގަންނަވާ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ އެކު އެ ހުށަހެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް، ޗައިނާގެ ހުށަހެޅުންތަކަކީ ރަޝިޔާއަށް ފައިދާވާ ގޮތަށް ފަރުމާކޮށްފައިވާ ހުށަހެޅުންތަކެއް ކަމުގައި އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދަނީ ބުނަމުންނެވެ.

ނުރުހުމުގައި ޔޫކްރެއިނުގެ ގިނަ ޢަދަދެއްގެ ކުޑަކުދިންތަކެއް ރަޝިޔާއަށް ގެންދިޔުމަކީ ހަނގުރާމައިގެ ކުށެއް ކަމުގައިވާތީ، އެ މައްސަލައިގައި ޕުޓިން ހައްޔަރު ކުރުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައި.ސީ.ސީ)އިން ވަނީ އަމުރެއް ނެރެފައެވެ. އައި.ސީ.ސީގެ އަމުރު ނެރެފައި ވަނީ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. ޔޫކްރެއިނުގެ 16,000 އަށްވުރެ ގިނަ ކުޑަކުދިން ރަޝިޔާއަށް ގެންގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޔޫކްރެއިނުގެ އެތަކެއް ހާސް ކުޑަކުދިންނެއް ރަޝިޔާއަށް ގެންގޮސްފައިވާ ކަމަށް އެ ޤައުމުން އެއްބަސްވެއެވެ. އެ ކަމަށް ޚާއްޞަކޮށްފައިވާ ޕުރޮގުރާމެއް ރަޝިޔާއިން ދަނީ ހިންގަމުންނެވެ. އެއީ، އިންސާނިއްޔަތަށް ހިންގާ ޕުރޮގުރާމެއް ކަމުގައި ރަޝިޔާއިން ބުނި ނަމަވެސް، އެ ކުދިން ރަޝިޔާއަށް ގެންގޮސްފައި ވަނީ އެ ކުދިންނާއި، އެ ކުދިންގެ މައިންބަފައިގެން ނުރުހުމުގައި ކަމަށް ޔޫކްރެއިނުން ދަނީ ތުހުމަތު ކުރަމުންނެވެ.

ޕުޓިންގެ އިތުރުން ރަޝިޔާގެ ކުޑަކުދިންގެ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ މާރިޔާ ލްވޯވާ-ބެލޯވާއާ ދެކޮޅަށް ވެސް އައި.ސީ.ސީން ވަނީ އަމުރެއް ނެރެފައެވެ. އޭނާއާ މެދު ވެސް އުފުލާފައި ވަނީ ޕުޓިންއަށް އުފުލާފައިވާ ދަޢުވާއެވެ. ނުރުހުމުގައި ޔޫކްރެއިނުގެ ކުޑަކުދިން ފޭރިގަނެގެން ރަޝިޔާއަށް ގެންދިޔުމުގެ ކުށުގެ ދަޢުވާއެވެ.

އައި.ސީ.ސީގެ އަމުރަށް ރަޝިޔާއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި ކަމާ ގުޅޭ ގޮތުން އެ ޤައުމުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭފް ވިދާޅުވީ، އައި.ސީ.ސީގެ އަމުރާ އެއްގޮތަށް ޕުޓިން ހައްޔަރުކުރުމަކީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ރަޝިޔާއިން ދެކޭނެ ކަމުގައެވެ. އަދި، ބޭރު ޤައުމެއްގައި ހުންނަވަނިކޮށް ޕުޓިން ހައްޔަރު ކުރުމަކީ އެ ޤައުމާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމުގެ ގޮތުގައި ބަލާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

އައި.ސީ.ސީގެ މެންބަރު ޤައުމުތަކުގެ ތެރޭގައި 123 ޤައުމު ހިމެނެއެވެ. އަދި، އައި.ސީ.ސީގެ އަމުރުގެ ދަށުން، އެއިން އެއްވެސް ޤައުމަކަށް ޕުޓިން ވަޑައިގަންނަވައިފި ނަމަ، އޭނާ ހައްޔަރުކޮށް، ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައި.ސީ.ސީގެ މައި އިދާރާއަށް އޭނާ ހާޒިރުކުރުމުގެ ބާރު އެ ޤައުމަކަށް ލިބިގެންދާނެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަމުގައި އ.ދ.ގެ ތަހުޤީޤީ އިދާރާއަކުން ވެސް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި، ކުޑަކުދިންގެ ކުރިމަތީގައި، އެ ކުދިންގެ މައިންބަފައިންނަށް ޖިންސީ އަނިޔާދިނުން ހިމެނޭ ކަމުގައި އ.ދ.ގެ އިދާރާއިން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް، ރަޝިޔާއިން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ.