އިންޑިއަން ޕްރިމިއަރ ލީގު، ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި ރާޖަސްތާން ރޯޔަލްސްއާއި، ޕަންޖާބް ކިންގްސް ބައްދަލުކުރި މެޗް ރޯޔަލްސް ކާމިޔާބުކޮށް، ޕްލޭ އޮފުން ޖާގައެއް ލިބުމަށް ކުރާ އުންމީދު ދަމަހައްޓައިފިއެވެ.
ދަރަމްސާލާގެ ހިމާޗަލް ޕްރަދޭޝް ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމްގައި ކުޅުނު މިމެޗް ރޯޔަލްސް ކާމިޔާބުކޮށްފައިވަނީ ހަތަރު ވިކެޓުންނެވެ.
މިމެޗްގެ ޓޮސް ދިމާވުމުން ރޯޔަލްސްއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން ކިންގްސްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ހެދުނީ 187 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 49 ލަނޑު ހަދާދިން ސޭމް ކުރާންއެވެ. މީގެއިތުރުން ޖިޓޭޝް ޝަރްމާ 44 ލަނޑު ހަދާދިންއިރު ޝާހްރުކް ހާންވަނީ 41 ލަނޑު އެޓީމަށް ހަދާދީފައެވެ. މިއީނިންގްސްގައި ރޯޔަލްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 40 ލަނޑަށް ތިން ވިކެޓް ނަގާދިން ނަވްދީޕް ސައިނީއެވެ.
ޖަވާބުގައި ރޯޔަލްސްއިން ކުޅެން އަރާ ބާކީ ދެ ބޯޅަ އޮއްވާ ހަ ކުޅުންތެރިން ނުބައިވެގެން 189 ލަނޑު ހަދާ މެޗް ކާމިޔާބު ކުރިއެވެ. މިމެޗްގެ ފަހު ވަގުތުކޮޅު ވެގެންދިޔައީ ދެޓީމްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު ވަގުތު ކޮޅަކަށެވެ. ރޯޔަލްސްއަށް މިމެޗްގައި އެންމެ ރަނގަޅަށް ކުޅޭފައިވަނީ 51 ލަނޑު ހަދާދިން ދެވްޑުޓް ޕަޑީކާލްއެވެ. އަދި ޔަޝާސްވީ ޖައިސްވާލް 50 ލަނޑު ހަދާދިންއިރު ޝިމްރޮން ހެތުމްޔަރވަނީ 46 ލަނޑު ހަދާދީފައެވެ. ކިންގްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 40 ލަނޑަށް ދެވިކެޓް ނަގާދިން ކަގީސޯ ރަޑަބާއެވެ.
މިކާމިޔާބީއާއެކު ރާޖަސްތާން ރޯޔަލްސް މިހާރުވަނީ ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 14 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކުއެވެ. އަދި ޕްލޭ އޮފްސްއިން ޖާގައެއް ހޯދޭނެކަމުގެ އުއްމީދު އެޓީމުގައި އެބައޮތެވެ. ނަމަވެސް އެކަން ހާސިލް ވެގެންދާނީ މިހަފްތާ ބަންދުގައި ރޯޔަލް ޗެލެންޖަރސް ބެންގަލޯއާއި މުންބާއި އިންޑިއަންސް ކުޅޭ ދެމެދުން އެދެޓީމް ބަލިވެއްޖެނަމައެވެ. މިމެޗުން ބަލިވުމުން ޕަންޖާބް ކިންގްސްއަށް ފުރުސަތު މިހާރުވަނީ ގެއްލިގެން ގޮސްފައެވެ.