ކުޅިވަރު

ފައިނަލުގެ ދެވަނަ މެޗުވެސް މައޭމީ ހީޓުން ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ އީސްޓަން ކޮންފަރެންސްގެ ފައިނަލްސްގައި މައޭމީ ހީޓްއިން ދެވަނަ މެޗްވެސް ކާމިޔާބުކޮށްފިއެވެ.

ބޮސްޓަންގައި ކުޅުނު މިމެޗްގައި ހީޓްއިން ބޮސްޓަން ސެލްޓިކްސްގެ މައްޗަށް ކުރި ހޯދީ 111 ޕޮއިންޓް 105 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ތިން ކްއާޓަރ ނިމުނު އިރުވެސް ކުރީގައި އޮތީ ސެލްޓިކްސްއެވެ. ފަހު ކްއާޓަރގެ ވަކިހިސާބެއްގައި 89 ޕޮއިންޓް 77 ޕޮއިންޓުގެ ލީޑެއްގައިވެސް ބޮސްޓަން އޮތެވެ. ނަމަވެސް ފަހު ކްއާޓަރގައި ހީޓްއިން ވަނީ އެޓީމްގެ މޮޅު ކުޅުން ދައްކާ މެޗު އެއްވަރުކޮށް އަދި ލީޑު ވެސް ނަގާފައެވެ. މިގޮތުން ފަހު ކްއާޓަރގައި ހީޓްއިންވަނީ 36 ޕޮއިންޓް ހޯދާފައެވެ. ސެލްޓިކްސްއަށް ހޯދުނީ 22 ޕޮއިންޓެވެ.

މިމެޗްގައި ހީޓްގެ ތަރިއަކަށް ވެގެންދިޔައީ ޖިމީ ބަޓްލަރއެވެ. އޭނާވަނީ މިމެޗްގައި 27 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ބޭމް އަޑެބަޔޯވަނީ 22 ޕޮއިންޓް ހޯދާދީ 17 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ.

މިމެޗްގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 8 އެސިސްޓް ދިން ޖޭސަން ޓޭޓުމްއެވެ. ނަމަވެސް އޭނާއަށްވެސް މިމެޗްގެ ހަތަރު ވަނަ ކުއާޓަރގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ.

މިކާމިޔާބީއާއެކު ހީޓްއިން މިވަނީ ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ދެމެޗްވެސް ކާމިޔާބުކޮށް މައޭމީގައި އަމިއްލަ ކުޅިބެލުން ކުރިމަތީ އަމިއްލަ ކޯޓްގައި ކުޅޭ ދެމެޗަށް ނިކުންނައިރު 2މެޗްގެ ވަރުގަދަ ލީޑެއް ނަގާފައެވެ. ކުރިއަށް އޮތް ދެމެޗް ހީޓްއިން ކާމިޔާބުކޮށްފިނަމަ އެޓީމަށް އީސްޓަން ކޮންފަރެންސް ފައިނަލްސްގެ ޗެމްޕިއަންކަން ލިބި އެން.ބީ.އޭ.ގެ ފައިނަލަށް ހޮވިގެންދާނެއެވެ. މިކަން ވިޔަ ނުދޭން ބޭނުންނަމަ ސެލްޓިކްސްއަށް މިހާރު ޖެހިފާވަނީ އަމިއްލަ ކޯޓުގައި ހާސިލް ނުކުރެވުނު ކާމިޔާބީ ރަށުން ބޭރުގައި ކުޅެ ކުރިއަށް އޮތް ދެމެޗް ކާމިޔާބުކުރާށެވެ.