ކުޅިވަރު

ސްކޫލުތަކުގެ އެތުލެޓިކްސް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި


އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ސްކޫލްތަކުގެ އެތްލެޓިކްސް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބޭއްވި މި މުބާރާތުގެ ހުރިހާ އިވެންޓަކަށްފަހު މުޅި މުބާރާތުން ފާހަގަކޮށްލެވޭ އެތްލީޓުން ވަނީ ހޮވާފައެވެ. މުބާރާތުގައި ވާދަކުރި 7 ސްކޫލަކުން ވަނީ އުމުރުފުރާތަކުން އެންމެ މޮޅު ސްކޫލުގެ މަޤާމު ހޯދާފައެވެ.

މުބާރާތުގެ 20 އަހަރުންދަށުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ބައިގެ މޮޅު ސްކޫލަކަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޮވުނުއިރު އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވުނީ ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުހައްމަދެވެ. އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ހޮވުނީ ގައުމީ ޔުނިވަރސިޓީގެ އިބްރާހިމް އާދަމެވެ.

ލަޔާނާ ވަނީ މުބާރާތުގެ އުމުރުފުރާއިން 100މ، 200މ، އަދި 400މ ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަދި ފިރިހެން ބައިން ރަން މެޑަލް ހޯދި އިބްރާހިމް އާދަމް ވަނީ 800މ، 1500މ އަދި 5000މ އިވެންޓުން ރަން މެޑަލް ހޯދާފައެވެ.

މީގެއިތުރުން މުބާރާތުގެ އެންމެ ޖޫނިއާ އުމުރުފުރާ ކަމަށްވާ 13 އަހަރުންދަށުގެ ޗެމްޕިއަންކަން މިލަންދޫ ސްކޫލް ހޯދިއިރު އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޢަފީފުއްދީން ސްކޫލެވެ. 15 އަހަރުންދަށުގެ ފިރިހެން ބައިގެ އެއްވަނަ އިސްކަންދަރު ސްކޫލް ހޯދިއިރު މި އުމުރުފުރާގެ އެއްްވަނަ ހޯދި އެތްލީޓަކީ އިސްކަންދަރުގެ އިލާން އިމްރާނެވެ. މި އުމުރުފުރާގެ އަންހެން ބައިން ޗެމްޕިއަންކަން ކަލާފާނު ސްކޫލް ހޯދިއިރު އެންމެ މޮޅު އެތްލީޓަކަށް ހޮވުނީ ހިތަދޫ ސްކޫލުގެ އާމިނަތު ޒީވާ އާމިރެވެ.

މުބާރާތުގެ 17 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ މަޖީދިއްޔާ ސްކޫލް ހޯދިއިރު، އަންހެން ބައިން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލެވެ. މުބާރާތުގެ 17 އަަހަރުންދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް މަޖީދިއްޔާގެ ޒައިން ޒައިދް އަބްދުﷲ ހޮވުނުއިރު މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރެވެ. އަހުނާ ވަނީ މި މުބާރާތުގެ ޓްރިޕަލް ޖަމްޕް އިވެންޓުގައި ވާދަކޮށް ގައުމީ ރިކޯޑެއްވެސް ހަދާފައެވެ.

ޖުމްލަ 47 ސްކޫލަކުން 1000 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވި މި މުބާރާތް ކުރިޔަށްދިޔައީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. މިއީ ހުޅުމާލޭގައި މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.