ސީދާ ތިން ސެޓުން ވޭސްޓް މެނޭޖިން ކޯޕަރޭޝަން (ވެމްކޯ) ބަލިކޮށް އިންޓަރ އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަރބަންކޯއިން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލަށް އަރބަންކޯ ދަތުރުކުރީ ފުރަތަމަ ސެމީގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބަލިކޮށްގެންނެވެ. އަދި ވެމްކޯއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ދެވަނަ ސެމީފައި މޯލްޑިވްސް ޕޮލިސް ސަރވިސް ބަލިކޮށް، ތިންވަނަ ސެމީގައި އެމްއެންޑީއެފް ބަލިކޮށްގެންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ސެޓުތައް އަރބަންކޯއިން ގެންދިޔައީ 25-21، 25-21 އަދި 25-16 އިންނެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓުގެ މުހިންމު ދަނޑިވަޅުގައި އަރބަންކޯގެ ސެޓަރު އިޝާން އިބްރާހީމް (ބަޓިސް) ގެ ތަޖުރިބާ ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އަދި މި ދެ ސެޓުގައި އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ފައިރޫޒުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
މެޗުގެ ތިންވަނަ ސެޓުގެ ކުރީކޮޅުގައި އަރބަންކޯއަށް ޕްރެޝަރުކޮށް ވެމްކޯއިން ލީޑު ނެގި ނަމަވެސް، ސެޓުގެ ފަހުކޮޅު ވެމްކޯ ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ހެދުނުތަން ފެނިގެންދިޔައެވެ. މި ގޯސްތަކުގެ ފައިދާ ނަގައި އަރބަންކޯގެ ކުޅުންތެރިން ވަނީ ސެޓުގެ ކޮންޓްރޯލް ނަގާފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަރބަންކޯގެ ސެޓަރު ބަޓިސްއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަރބަންކޯގެ ކެޕްޓަން ކުޑަކާއްޓޭއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އަރބަންކޯގެ ކޯޗު މުޙައްމަދު ސާޖިދު (ބޮޑުކާއްޓޭ) އެވެ.