ކުޅިވަރު

ރިސޯޓް ލީގު: ބަނޑޮހާއި ރިޓްޒް ކާލްޓަންއަށް މޮޅެއް


ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2023 ގެ ނޯތު މާލޭ ޒޯނުގައި ހިލްޓަން ބަލިކޮށް ރިޓްޒް ކާލްޓަންއިން ކުއާޓާ ފައިނަލުގެ އުއްމީދު ދެމެހެއްޓިއިރު، ރަސްފުށި އަތުން ބަނޑޮހަށް އުނދަގޫ މޮޅެއް ލިބިއްޖެއެވެ.

ގުރޫޕް ބީގައި ކުޅުނު މި މެޗު ރިޓްޒް ކާލްޓަން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ވެސް ރިޓްޒް ކާލްޓަން އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ނަބީހެވެ.

މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް ހިލްޓަންގެ އަހުމަދު އަޝްހަމް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގަ އޮވެގެންނެވެ. މެޗުން ކާލްޓަން މޮޅުވި ލަނޑު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އައިސް ޖަމްޝީދެވެ.

ރަސްފުށި އަތުން ބަނޑޮސް މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ދެވަނަ ހާފުގެ މެދުތެރޭ މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މުޝީރެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ކާލްޓަންއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، މި މެޗުން ބަލިވި ހިލްޓަންއަށް ވެސް ދެ މެޗު ކުޅެގެން ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ކުޅުނު ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ބަނޑޮހެވެ.

ޖުމްލަ 17 ޓީމާއެކު ނޯތު މާލޭ ޒޯނުގެ ކުޅުން ކުރިޔަށްދަނީ ވަން އެންޑް އޮންލީ ރީތިރަށުގައެވެ. ހަތަރު ގްރޫޕަކަށް ބަހާލެވިގެން ކުރިޔަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހުގެ 3 ވަނަ ދުވަހުގައެވެ.