ކުޅިވަރު

ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ސިޓީއަށް


އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް މެންޗެސްޓަރ ސިޓީއަށް ލިބިއްޖެއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ސިޓީއަށް ލިބުނީ ތާވަލުގެ ދެވަނާގައިވާ އާސެނަލްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗުން އާސެނަލް ބަލިވުމުންނެވެ. މި ނަތީޖާއާއެކު ސިޓީއަށް ބޯޅައެއްގައި ފައިޖައްސާނުލާ ތަށި ލިބިގެންދިޔައީ، ބާކީ އޮތް އެއްމެޗް ކާމިޔާބުކުރި ނަމަވެސް އާސެނަލަށް ސިޓީއާއި އަރާ ހަމަ ނުކުރެވޭނެތީއެވެ.

ސިޓީއަށް މިހާރު 35 މެޗުން 85 ޕޮއިންޓް ލިބިފައިވާއިރު އާސެނަލަށް 37 މެޗުން ލިބިފައިވަނީ 81 ޕޮއިންޓެވެ. އެހެންކަމުން ސިޓީއަށް މިވަނީ ބާކީ ތިން މެޗް އޮއްވައި ލީގު ކަށަވަރުވެގެން ގޮސްފައެވެ.

ލީގު ކާމިޔާބުކުރެވުމާއި ގުޅިގެން ވާހަކަދައްކަމުން ސިޓީގެ ކެޕްޓަން އިލްކާއީ ގުންޑޮގާން ހާމަކުރިގޮތުގައި ޕްރިމިއަރ ލީގަކީ އެންމެ ވަރުގަދަ އެންމެ ވާދަވެރި ލީގަށްވާއިރު، މިލީގުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރު ހޯދުމުން މިކާމިޔާބީގެ މުހިންމުކަން ސިޓީއަށް އޮތްވަރު ހާމަވެގެންދާކަމަށެވެ. އަދި މިއީ އޭނާ ދުވަހަކުވެސް ހަނދާން ނެތޭނެ ސީޒަނެއް ނޫންކަމަށްވެސް ގުންޑިގާން ހާމަކުރިއެވެ. މުބާރާތް ތިން ފަހަރު ކާމިޔާބުކުރުމުގެ އިތުރުން ސިޓީން މިވަނީ ހަ ފަހަރުގެ ތެރެއިން ފަސްވަނަ ފަހަރަށް ލީގު ކަމިޔާބު ކޮށްފައެވެ.

ލީގު ކާމިޔާބުކުރުމުގެ އިތުރުން މިސީޒަންގައި އިތުރު ދެ ތަށި ކާމިޔާބުކުރުމުގެ ފުރުޞަތު ސިޓީއަށް އަދި އެބައޮތެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި އެފްއޭ ކަޕެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަރ މިލާނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު އެފްއޭ ކަޕްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މެންޗެސްޓަރ ޔުނައިޓެޑާއެވެ. އެހެންކަމުން ސިޓީއަށް އަދިވެސް މުހިންމު މެޗުތަކެއް މިސީޒަންގައި އެބަހުއްޓެވެ.