ކުޅިވަރު

ފޮރެސްޓުން އަންނަ ސީޒަނުގެ ޕްރިމިއަރ ލީގުގައި އޮވެވޭނެކަން ކަށަވަރުކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް ބަލިކޮށް ނޮޓިންހަމް ފޮރެސްޓުން އަންނަ ސީޒަނުގައިވެސް ޕްރިމިއަރ ލީގުގައި އޮވެވޭނެކަން ކަށަވަރުކޮށްފިއެވެ.

ފޮރެސްޓްގެ ދަނޑުގައި ރޭ ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މުޅި މެޗްހެން ކޮންޓްރޯލްކޮށް ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ. ނަމަވެސް ފޮރެސްޓުން މިމެޗްގައި ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް ލިބޭ ފުރުސަތު ތަކުގައި އާސެނަލްގެ ގޯލަށް ނުރައްކާކޮށްފައެވެ.

މިގޮތުން މެޗްގެ 19 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ފޮރެސްޓްއިން ވަނީ މެޗްގެ ލީގު ނަގާފައެވެ. މިމުހިންމު ލަނޑު އެޓީމަށް ޖަހާދިނީ ޓައިވޯ އެވޮނިޔީއެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު ތިން މެޗްގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. މިމެޗްގައި އާސެނަލްގެ ކުރިއަށް ކުޅޭ ކުޅުންތެރިން ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް ފޮރެސްޓްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ފޮރެސްޓަށް މިހާރުވަނީ 37 މެޗުން 37 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ރެލިގޭޓްވުމުގެ ބިރު މިހާރުވަނީ އެޓީމަށް އެއްކޮށް ފިލައިގެން ގޮސްފައެވެ. އަދި އާސެނަލް މިމެޗުން ބަލިވުމުން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް މިވަނީ ލީގުގެ ޗެމްޕިއަންކަންވެސް ކަަށަވަރުވެގެން ގޮސްފައެވެ. އެއީ އާސެނަލްއަށް ބާކީ އޮތް އެއް މެޗާއެކު ސިޓީއާއި އަރާ ހަމަނުކުރެވޭނެތީ އެވެ. މި ދެޓީމްގެ މެދުގައި މިހާރު ހަތަރު ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.