ކުޅިވަރު

އިޓާލިއަން އޯޕަން: އަންހެން ސިންގަލްސް ޗެމްޕިއަންކަން ރީބަކީނާއަށް


އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ކަޒަކިސްތާންގެ އެލޭނާ ރީބަކީނާ ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ރީބަކީނާއަށް ލިބިގެންދިޔައީ ފައިނަލްގައި އޭނާ އާއި ވާދަކުރަމުންދިޔަ ޔޫކްރެއިންގެ އަންހެލީނާ ކަލިނީނާ އަނިޔާގެ ސަބަބުން ރިޓަޔާކުރުމުންނެވެ.

މެޗްގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ކާމިޔާބުކުރީ ރީބަކީނާއެވެ. އަދި ކަލިނީނާގެ ފަޔަށް އަނިޔާވެގެން ރިޓަޔާކުރަން ޖެހުނީ ދެވަނަ ސެޓްގެ ފުރަތަމަ ގޭމް ރީބަކީނާ ގެންގޮސްފައިވަނިކޮށެވެ. މިމެޗުން ކަލިނީނާ ރިޓަޔަރ ކުރި ނަމަވެސް ފުރަތަމަ ސެޓްގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ފުރަތަމަ ގޭމްގައި ކަލިނީނާ ވަނީ ރީބަކީނާ ބްރޭކްކޮށް ދޭއް ސުމެއްގެ ލީޑެއްވެސް ނަގާފައެވެ. ނަމަވެސް ރީބަކީނާވަނީ ފަހަތުންއަރާ ތިނެއް ތިނަކުން އެއްވަރުކޮށް ފުރަތަމަ ސެޓް ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކަލިނީނާވަނީ އޭނާއަށް މެޗްގައި އިތުރަށް ކުޅެވޭގޮތް ނުވުމުން ކުޅިބެލުންތެރިންގެ ކިބައިން މައާފަށް އެދިފައެވެ. އަދި ރީބަކީނާއަށް މަރްހަބާވެސް ކިޔާފައެވެ. މި ކާމިޔާބީއާއެކު ރީބަކީނާއަށް މިހާރުވަނީ ކުރިއަށް އޮތް ފްރެންޗް އޯޕަންގައި ގަދަ ހަތަރު ސީޑްގެ ތެރެއިން ޖާގަ ލިބޭނެކަން ކަށަވަރުވެފައެވެ.

މުބާރާތުގެ ފިރިހެން ބަޔަށް ބަލާލާއިރު ފައިނަލުންވަނީ ރަޝިއާގެ ޑަނީލް މެޑެވެޑޭވް އާއި ޑެންމާކްގެ ހޮލްގަރ ރޫން ޖާގަ ހޯދާފައެވެ. މެޑްވެޑޭވް ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސްއާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތެއް ފަހެއް އަދި ހަތެއް ފަހަކުންނެވެ.

މުބާރާތުގެ ފައިނަލުން ރޫން ޖާގަހޯދީ ސެމީފައިނަލްގައި ނޯވޭގެ ކެސްޕަރ ރޫޑް އާއި ބައްދަލުކޮށް ދެސެޓް އެއްސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތެއް، ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ.