ޖަރުމަން ލީގުގައި ލައިޕްޒީގް އަތުން ބަލިވުމުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ލީގު ގެއްލިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗް ލިޕްޒިގުން ކާމިޔާބުކުރީ ފަހަތުން އަރާ ތިން ލަނޑު އެއްލަނޑުންނެވެ. މި ނާކާމިޔާބީއާއެކު މިރޭ ދެވަނައިގާ އުޅޭ ބޮރޫޝިއާ ޑޯޓްމުންޑާއި އައުގްސްބަރގް ބައްދަލުކުރާ މެޗް ޑޯޓްމުންޑުން ކާމިޔާބުކޮށްފިނަމަ ފަހު މެޗާއި ކުރިމަތިލާއިރު އެޓީމަށް ދެޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ. އަދި މިއާއެކު ޖެހިޖެހިގެން 11 ވަނަ ފަހަރަށް ބުންޑަސްލީގާގެ ތަށި އުފުލާލުމަށް ބަޔާންއިން ކުރަމުންދާ މަސައްކަތަށް މިވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.
މެޗްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑު ނަގާފައިވަނީވެސް ބަޔާންއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ސަރޖީ ގްނެބްރީއެވެ. ނަމަވެސް ދެވަނަ ހާފް ވެގެންދިޔައީ ބަޔޭންއަށް މާރަނގަޅު ހާފަކަށް ނޫނެވެ. މިގޮތުން މެޗްގެ 64 ވަނަ މިނެޓްގައި ލިޕްޒިގްއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ކޮންރަޑް ލައިމަރ އެވެ.
ދެން ފެނިގެންދިޔައީ ބަޔާން ހާސްކަމުގެ ތެރެއަށް ވެއްޓި ފަހަތުގައި ގޯސް ހެދެމުންދިޔަ ތަނެވެ. މިގޮތުން ލިޕްޒިގްގެ ފަހު ދެ ލަނޑަކީ އެޓީމަށް ލިބުނު ދެ ޕެނަލްޓީން ކާމިޔާބުކުރި ދެލަނޑެވެ. ފުރަތަމަ ޕެނަލްޓީ މެޗްގެ 76 ވަނަ މިނެޓްގައި ލިބުނީ ބަޔާންގެ ބެންޖަމިން ޕަވާޑް ކްރިސްޓޮފަރ އެންކުންކޫއަށް ފައުލް ކުރުމުންނެވެ. މި ޕެނަލްޓީ ލިޕްޒިގަށް ކާމިޔާބުކޮށްދިނީވެސް އެންކުންކޫއެވެ. އަދި ފަހު ޕެނަލްޓީ އަކީ ނުސައިރު މަޒްރާއުއި އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ލިޕްޒިގްގެ ލީޑު ފުޅާކޮށްދިނީ ޑޮމިނިކް ޒޮބޯސްޒްލައިއެވެ.
މި ކާމިޔާބީއާއެކު ލިޕްޒިގަށް މިހާރުވަނީ ތިންވަނަ މަގާމް ކަށަވަރުވެ ޗެމްޕިއަންސް ލީގުގައި މިއަންނަ ސީޒަންގައި ކުޅެވޭނެކަން ޔަގީންވެގެން ގޮސްފައެވެ. އަދި ބަޔޭން ފަހު މެޗްގައި ބައްދަލުކުރާނީ ކޯން އާއެވެ. ނަމަވެސް މިރޭ އައުގްސްބަރގް އާއި ބައްދަލުކުރާ މެޗާއި މައިންޒް އަތުން ޑޯޓްމުންޑް މޮޅުވެއްޖެނަމަ އެޓީމަށް 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބުންޑަސްލީގާގެ ތަށި ކާމިޔާބު ކުރެވިގެންދާނެއެވެ.