ކުޅިވަރު

ޑެއްލީ ކެޕިޓަލްސް ބަލިކޮށް ޗެންނާއީ ސުޕަ ކިންގްސް ޕްލޭއޮފް ބުރަށް


އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް ޗެންނާއި ސުޕަ ކިންގްސްއިން ކަށަވަރުކޮށްފިއެވެ.

ސުޕަރ ކިންގްސްއިން ޕްލޭ އޮފްސްގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް މަރްހަލާގެ ފަހު މެޗްގައި ޑެއްލީ ކެޕިޓަލްސް އާއި ބައްދަލުކުރިމެޗް 77 ލަނޑުން ކާމިޔާބުކޮށް ތާވަލްގެ ދެވަނަ ކަށަވަރުކޮށްގެންނެވެ.

ދިއްލީގެ އަރުން ޖެއިޓްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ޓޮސް ދިމާވުމުން ސުޕަރ ކިންގްސް ނިންމީ އެންމެ ފުރަތަމަ ބެޓް ކުރުމަށެވެ. މިގޮތުން އެޓީމުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެންވަނީ 223 ލަނޑު ހަދާފައެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 87 ލަނޑު ހަދާދިން ޑެވޮން ކޮންވޭއެވެ. އަދި ރުތުރާޖް ގައިކްވާޑްވަނީ 79 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި ކެޕިޓަލްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 36 ލަނޑަށް އެއް ވިކެޓް ނަގާދިން ޗެތާން ސަކާރިއާއެވެ. މީގެއިތުރުން ޚަލީލް އަހްމަދާއި އަންރިޗް ނޯޓްޖޭވެސްވަނީ ކޮންމެ ކުޅުންތެރިޔަކު އެއް ވިކެޓް ނަގާދީފައެވެ.

ޖަވާބުގައި ކެޕިޓަލްސްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 86 ލަނޑު ހަދާދިން ކެޕްޓަން ޑޭވިޑް ވޯނަރއެވެ. ސުޕަރ ކިންގްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 22 ލަނޑަށް 3 ވިކެޓް ނަގާދިން ދީޕަކް ޗަހާރުއެވެ. އަދި މަހީޝް ތީކްޝާނާ އާއި މަތީޝާ ޕަތިރާނާވަނީ ކޮންމެ ކުޅުންތެރިޔަކު 2 ވިކެޓް ނަގާދީފައެވެ.

މި ކާމިޔާބީއާއެކު ޗެއްނާއި ސުޕަރ ކިންގްސްއަށް ވަނީ 14 މެޗުން 17 ޕޮއިންޓް ހޯދާ ރަންރޭޓަށް ބަލާ ތާވަލްގެ ދެވަނަ މަގާމަށް އަރާފައެވެ. އަދި މިއާއެކު ޕްލޭ އޮފްސްގެ ފުރަތަމަ މެޗްކަމުގައިވާ ކޮލިފަޔަރ ވަންގައި މިއަންނަ އަންގާރަ ދުވަހު ސުޕަރ ކިންގްސް ބައްދަލުކުރާނީ ތާވަލްގެ އެއްވަނައިގާ އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް އާއެވެ.

މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު ބަލިވާ ޓީމެއް ކުޅެން ޖެހޭނީ ތާވަލްގެ ތިންވަނަ އާއި ހަތަރުވަނައަށް ދާ ދެޓީމްގެ މެދުގައި ކުޅޭ އެލިމިނޭޓަރ މެޗުން މޮޅުވާ ޓީމަކާއެވެ. އެލިމިނޭޓަރ މެޗަށް މިހާރުވަނީ ތާވަލްގެ ތިންވަނަ ކަށަވަރުކޮށްގެން ލަކްނޯ ސުޕަރ ޖައަންޓްސް ޖާގަ ހޯދާފައެވެ. އެޓީމާއި އެލިމިނޭޓަރ މެޗްގައި ބައްދަލުކުރާނެ ޓީމެއް އެނގިގެން ދާނީ މިއަދު ކުޅޭ ގްރޫޕް މަރުހަލާގެ ފަހު މެޗްތަކާއެކުއެވެ.