ކުޅިވަރު

ރިސޯޓް ލީގު: ކޮއްދިއްޕަރާއި ބަރޮސް އެއްވަރު، ކުޑަހުރާ ކުއާޓާއަށް


ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2023 ގެ ނޯތު މާލޭ ޒޯނުގައި ކޮއްދިއްޕަރާއި އެންމެ ފަހުގެ ޗެމްޕިއަން ބަރޮސް އެއްވަރުވިއިރު، ޖުމެއިރާ ބަލިކޮށް ފޯ ސީޒަންސް ކުޑަހުރާ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގުރޫޕް ސީގައި ބަރޮސް އާއި ކޮއްދިއްޕަރު ވާދަކުރި މެޗު އެއްވަރުވެގެން ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ބަރޮސް ޓީމުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ތޮލާލެވެ.

ކޮއްދިއްޕަރުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ނައުޝާދެވެ. ނަމަވެސް މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ބަރޮސް އިން ލަނޑެއް ކާމިޔާބުކޮށް ދެވަަނަ ފަހަރަށް މެޗުގެ ލީޑު ހޯދިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަހުމަދު ތޮލާލެވެ. ބަރޮސް މޮޅުވިޔަނުދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކޮއްދިއްޕަރަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދި އަހުމަދު ނައުޝާދެވެ.

ފޯ ސީޒަންސް ކުއާޓާފައިނަލުން ޖާގަ ހޯދި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު މަޒީން އެވެ.

މި މޮޅާއެކު ކުޅުނު ދެ މެޗުން ކުޑަހުރާ ވަނީ ހަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ލިބިފައެވެ. މެޗުން ބަލިވި ޖުމައިރާއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު މިވަގުތު އެޓީމު އޮތީ ގްރޫޕްގެ ދެވަނައިގައެވެ.

ޖުމްލަ 17 ޓީމާއެކު ނޯތު މާލޭ ޒޯނުގެ ކުޅުން ކުރިޔަށްދަނީ ވަން އެންޑް އޮންލީ ރީތިރަށުގައެވެ. ހަތަރު ގްރޫޕަކަށް ބަހާލެވިގެން ކުރިޔަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހުގެ 3 ވަނަ ދުވަހުގައެވެ.