ކްރޮއޭޝިއާގެ އޮޕާޓިޖާގައި ދާދި ފަހުން ނިމުނު އެޑްރިއާ ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުން ލައިބާ އަޙްމަދު މަޚްލޫފް (އެލީ) ރިހި މެޑެލެއް ހޯދައިފިއެވެ.
އެ މުބާރާތުގެ 11 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަކޮށް އެލީ ރިހި މެޑެލް ހޯދީ މިކްސްޑް ޑަބަލްސް އިވެންޓުންނެވެ. މިކްސްޑް ޑަބަލްސްގައި އެލީގެ ޕާޓްނަރަކީ އިޓަލީ މުބާރާތުގައިވެސް ހުރި ސްލޮވީނިއާގެ މެޓިޗް ކެންޒް އޮގޯރެލެކެވެ. މެޓިޗް އާއެކު ފައިނަލުން ބަލިވީ ސްލޮވީނިއާގެ މާކް ޕޮގާސާ އާއި ޕިއާ ކްރިޒްމަނިކްގެ ޕެއާ އަތުންނެވެ. އެލީގެ ޕެއާ ވަނީ ސެމީ ފައިނަލުގައި ސްލޮވީނިއާގެ މިޝަލް މަޓޭއިކާ އާއި އަޑޭލާ މަލަކޯވާގެ ޕެއާ އަތުން 21-11 އަދި 21-12 އިން މޮޅުވެފައެވެ.
މި މުބާރާތުގެ ޑަބަލްސްގައި ޕިއާ އާއެކު ފުރަތަމަ މެޗުގައި އެލީ ވަނީ ސްލޮވާކިއާގެ ލައުރާ ޕްރޮކޮޕޯވާ އާއި ސާރާ ސާލެޔޯވާއާ ވާދަކޮށް 21-19 އަދި 21-19 އިން މޮޅުވެފައެވެ. އެކަމަކު ދެވަނަ މެޗުގައި ސްލޮވާކިއާގެ އަންޑްރެއާ ޑުރިކޯވާ އާއި އަޑޭލާ މަލްކޯވާ އަތުން ބަލިވީ 21-16 އަދި 21-11 އިންނެެވެ. ނަމަވެސް ގްރޫޕްގެ ތިންވަނައާއެކު އެލީގެ ޕެއާއަށް ލޯ މެޑެލް ވަނީ ލިބިފައެވެ.
މީގެ އިތުރުން ސިންގަލްސްގެ ކުއާޓާ ފައިނަލުން އެލީ ޖާގަ ހޯދި ނަމަވެސް، އޭނާގެ އަންހެން ޑަބަލްސް ޕާޓްނަރު އަތުން ވަނީ ބަލިވެފައެވެ. ސްލޮވީނިއާގެ ޕިއާ ކްރިޒްމަނިކާ ވާދަކޮށް އެލީ ބަލިވީ 21-19 އަދި 23-21 އިންނެވެ.
މިދިޔަ މަހު އެލީ ވަނީ އިޓަލީގައި ބޭއްވި ޔޫތު މުބާރާތެއްގައިވެސް ވާދަކޮށް، ޑަބަލްސް އާއި މިކްސްޑް ޑަބަލްސްއިން ތިންވަނަ ހޯދާފައެވެ. އޭނާ އަންނަނީ މާލޭގައި އިންޑިއާގެ ކޯޗެއްގެ އެހީގައި އަމިއްލަ ޚަރަދުގައި ތަމްރީން ހަދަމުންނެވެ. މިއީ އެލީ ބައިވެރިވި ދެވަނަ ބައިނަލްއަގުވާމީ މުބާރާތެވެ.