ނޭޕާލުގައި މިއަދު ފެށި ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2023 ގައި ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުން ކަޒަކްސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ.
މި މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ފެށީ ފޯރީގައެވެ. އެގޮތުން މެޗު ފަށައިގެން ރާއްޖެއިން ތިން ޕޮއިންޓް ނެގި ނަމަވެސް ކަޒަކްސްތާނުން ވަނީ ފަހަތުން އަރައި ރާއްޖެއާ ހަމަކޮށްފައެވެ. މި ސެޓުގެ 15 ވަނަ ޕޮއިންޓާ ހަމަޔަށް ދެ ޓީމުންވެސް ދާދި އެއްވަރެއްގައި އޮތުމަށްފަހު ދިވެހި ޓީމުން ހެދުނު ގޯސްތަކުގެ ސަބަބުން ކަޒަކްސްތާނުން ވަނީ ފުރަތަމަ ސެޓު 25-16 އިން ކާމިިޔާބުކޮށްފައެވެ.
ދެވަނަ ސެޓުގައި ދިވެހި ޓީމުން ބަދަލުތަކެއް ފެނިގެންދިޔައެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ އައިޝަތު މާޖިދާ އާއި ނަރީމާ އިދުރީސް ގެ ބަދަލުގައި އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ މާޔާ ހުސެއިން ސޮލާހް އާއި ފާތުމަތު ޝަމްހާ ކުޅެން ނެރުނެވެ. މި ކުޅުންތެރިންގެ ފަރާތުން އުއްމީދީ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ކަޒަކްސްތާނުގެ ތަޖުރިބާ ބޭނުންކޮށްގެން ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 14-25 އިންނެވެ.
ތިންވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން ފެނުނީ ފުރަތަމަ ދެ ސެޓާއި ހިލާފަށް ދަށް ކުޅުމެކެވެ. ފަސޭހަ ބޯޅަތަކަކުން ކަޒަކްސްތާނުން ހޯދި ޕޮއިންޓުތަކާއެކު މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-06 އިންނެވެ.
މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ރާއްޖެއާއި ކަޒަކްސްތާނުގެ އިތުރުން ދެން ހިމެނެނީ އުޒްބަކިސްތާން އާއި ސްރީލަންކާއެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ރާއްޖެ ގަޑިން 17:45 ގައި ބައްދަލުކުރާނީ އުޒްބަކިސްތާން އާއެވެ. އަދި ފަހު މެޗުގައި ސްރީ ލަންކާ އާއި ދެކޮޅަށް ކުޅޭނީ ބުދަ ދުވަހު 17:45 ގައެވެ. މި ދެ މެޗުވެސް ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.