ކުޅިވަރު

އެމްޕީބީއޭ 9 ބޯލް ބިލިއާޑް ޗެމްޕިއަންޝިޕުގެ އެއްވަނަ ފާތީ އާއި އަހުސަނަށް


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 9 ބޯލް ބިލިއާޑް މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އަހުސަން ހާޝިމް، އަދިނއަންހެން ބައިގެ ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދައިފިއެވެ.

ޤައުމީ ބިލިއާޑް ސެންޓަރުގައި ހޯމަދުވަހުގެ ރޭ ކުޅުނު މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އަހުސަން ހާޝިމް ހޯދީ ފައިނަލުގައި މުހައްމަދު އަކްސަމް ވަހީދާއި ވާދަކޮށް 11-9 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގައި އަހުސަން ރަނގަޅު ލީޑަކާއެކު ފެށި ނަމަވެސް އަކްސަމް ވަނީ ފަހަތުން ތިން ފްރޭމުން އަރާ އަހުސަނަށް ބޮޑު ޕްރެޝަރެއް ކޮށްފައެވެ. ރޭސް ޓު 11 ފްރޭމަށް ކުޅުނު މި މެޗު އަހުސަން ކާމިޔާބުކުރީ ފަހުކޮޅު ދެއްކި ހިތްވަރާއެކުއެވެ.

މުބާރާތުގެ އަންހެން ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދީ ފައިނަލުގައި ދީނާ އަހުމަދު ބަލިކޮށްގެންނެވެ. މެޗު ފާތީ ކާމިޔާބުކޮށްފައިވަނީ 7 ފްރޭމް 4 ފްރޭމުންނެވެ. ދެ ކުޅުންތެރިން މެޗު ހަމަހަމަކޮށް ފެށި ނަމަވެސް ފާތީ ދިޔައީ ފަހުން ލިބުނު ފްރޭމުތަކުގައި ތަފާތު ދައްކަމުންނެވެ.

ޖުމްލަ 100 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވި މިއަހަރުގެ 9 ބޯލް ޗެމްޕިއަންޝިޕުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު ލިޓަސްގެ ޗީފް އެގްޒެގެޓިވް އޮފިސަރ މުހައްމަދު ޒާހިދު އާއި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރނަރ އަހުމަދު އިމާދެވެ.