ކުޅިވަރު

20 އަހަރަށްފަހު ޗެމްޕިއަންސް ލީގުން ނިއުކާސަލް ޖާގަ ހޯދައިފި


20 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔުއޭފާ ޗެމްޕިއަންސް ލީގުން ނިއުކާސްލް ޔުނައިޓެޑް ޖާގަހޯދައިފިއެވެ.

މި މުބާރާތުގެ ޖާގައެއް ނިއުކާސްލްއިން ކަށަވަރު ކުރީ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓަ ސިޓީ އާއި ބައްދަލުކުރި މެޗް ލަނޑެއް ނުޖެހި އެއްވަރު ވުމުން ލިބުނު އެއް ޕޮއިންޓާއެކުއެވެ.

ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ. ނަމަވެސް އެއާއެކުވެސް ނިއުކާސްލްއަށް ލެސްޓަރގެ ޑިފެންސް ފޫއަޅުވާލާ ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިހާރު ކޮންމެ ޓީމަކަށް ބާކީ އެއްމެޗް އޮތް އިރު ނިއުކާސްލް މިހާރުވަނީ ފަސްވަނައިގާ އުޅޭ ލިވަޕޫލާއި ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް އިތުރު ކޮށްފައެވެ.

ނިއުކާސްލް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅެފައިވަނީ 2002-2003 ވަނަ ސީޒަންގައި ސަރ ބޮބީ ރޮބްސަންގެ ކޯޗް ކަމުގެ ދަށުންނެވެ. ނިއުކާސްލްގެ ކޯޗް ކަމާއި މިދިޔަ ސީޒަންގެ މެދުތެރޭގައި ހަވާލުވި އެޑީ ހޯވް އެޓީމްގައި ހޭދަކުރި ފުރަތަމަ ފުލް ސީޒަނާއެކު މިވަނީ ޓީމަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އަދި ޕްރިމިއަރ ލީގުގައި ފަހަކަށް އައިސް ފާހގަ ކުރެވެމުން ގޮްފައިވާ ގަދަ ހަތަރަކަށް ބަދަލު ގެނެސްފައެވެ.

ނިއުކާސްލް ޗެމްޕިއަންސް ލީގުން ޖާގަހޯދި ނަމަވެސް ލެސްޓަރ އަދިވެސް އުޅެނީ ރެލިގޭޝަން ޒޯން ތެރޭގައެވެ. ލެސްޓަރއަށް މިހާރުވަނީ މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ތާވަލްގެ 18 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ 37 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކުއެވެ. ރޭގެ މެޗުން ލެސްޓަރ މޮޅުވި ނަމަ ރެލިގޭޝަން ޒޯނުން ސަލާމަތްވެ ތާވަލްގެ 17 ވަނައަށް ކުރިއަށް ޖެހުނީހެވެ. އެހެން ކަމުން އެޓީމަށް މިހާރު ޖެހިފައިވަނީ ފަހު މެޗްގައި ވެސްޓް ހޭމް ޔުނައިޓެޑާއި ބައްދަލުކުރާ މެޗް ކާމިޔާބުކޮށް އެވަޓަން އެޓީމް ކުޅޭ މެޗުން ބަލިވޭތޯ ބަލަބަލާ ތިބުމެވެ. އެވަޓަން އެޓީމްގެ މެޗު ކާމިޔާބުކޮށްފިނަމަ ލެސްޓަރ ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެގެންދާނެއެވެ.