އިޓާލިއަން ލީގުގައި އެންމެ ކާމިޔާބު އެއް ކްލަބް ކަމުގައިވާ ޔުވެންޓަސްއިން ކުޅުންތެރިން ގަނެވިއްކުމުގެ މުއާމަލާތްތަކެއްގައި އޮޅުވާލާފައިވާކަމަށް ބުނެ އަނެއްކާވެސް އެކްލަބުން 10 ޕޮއިންޓް އުނިކޮށްފިއެވެ.
ޔޫވޭއަށް އަލަށް މިދެވުނު އަބަދު އާންމުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މިކަން ހާމަކޮށްފައިވަނީ ސެރީއާގައި ޔޫވޭ އާއި އެމްޕޯލީ ބައްދަލުކުރި މެޗް ފެށުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ޔޫވޭގެ ކޯޗް މެކްސިމިލިއާނޯ އެލެގްރީ ވަނީ މިކަން އިޢުލާން ކުރި ވަގުތާމެދު ސުވާލު އުފައްދާފައެވެ. އޭނާ ހާމަކުރިގޮތުގައި މުހިންމު މެޗެއް ފެށެން 10 މިނެޓަށް ވެފައިވަނިކޮށް މިފަދަ ކަމެއް ހާމަ ކުރުމުން ކުޅުންތެރިންނަށް އޭގެ ސަބަބުން ކުރާނެ އަސަރާމެދު އެއްވެސް ވަރަކަށް ވިސްނާފައެއް ނެތެވެ. އަލަށް މިނިންމި ނިންމުމާއެކު ޔޫވޭ މިހާރުވަނީ ސެރީއާގެ ތާވަލްގެ ހަތްވަނައަށް ވެއްޓި މިއަންނަ ސީޒަންގައި ޔޫރަޕްގެ ޖާގައަކަށް ކޮލިފައިނުވާ ހިސާބުގައެވެ. މިސީޒަންގެ ޗެމްޕިއަންކަން ނަޕޯލީވަނީ ހޯދާފައެވެ. އަދި ދިހަ ޕޮއިންޓް ކެނޑުމުގެ ކުރިން ނަޕޯލީ އުޅުނީ ޔޫވޭއަށް ވުރެ 17 ޕޮއިންޓް ކުރީގައެވެ.
މިމައްސަލަ އާއި ގުޅިގެން އިޓަލީވިލަތުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ފުރަތަމަ އުނިކޮށްފައިވަނީ 15 ޕޮއިންޓެވެ. ނަމަވެސް އިޓަލީވިލާތުގެ އޮލިމްޕިކް ކޮމިޓީގެ ޓްރައިބިއުނަލްއަކުން ވަނީ އެކަން ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށް ނިންމާ އަލުން މައްސަލަ ބެލުމަށް އެދިފައެވެ. އެހެން ކަމުން އޭރު އުނިކުރި 15 ޕޮއިންޓް އަނބުރާ ޔޫވޭއަށް ދިނުމަށްފަހު އަލުން މައްސަލަ ބަލާ މިފަހަރުގެ ނިންމުން އާންމުކުރީއެވެ.
ޔޫވޭއިން ވަނީ މިފަހަރުގެ ނިންމުންވެސް ބަލައިގަންނަ ކަމަށާއި ނަމަވެސް ނިންމުން ރަނގަޅަށް ބެލުމަށްފަހު އޮލިމްޕިކް ކޮމިޓީގެ ޓްރައިބިއުނަލްއަށް މިކަން އަލުން ހުށަހެޅުމާމެދު ގޮތެއް ނިންމުމުގެ ހައްގު ބޭނުން ކުރުމާމެދު ވިސްނާނެކަންވެސް ހާމަކޮށްފައިވެއެވެ
.
މިފަހަރުގެ ނިންމުމުގައި ކުރިން އަދަބު ދެވުނު ޔޫވޭގެ ކުރީގެ ބައެއް އޮފިޝަލުން ވަނީ އަދަބުން މިނިވަންކޮށްފައެވެ. މިގޮތުން ކުރީގެ ވައިސް ޗެއާމަން ޕަވެލް ނެޑްވެޑްގެ އިތުރުން 6 ފަރާތެއް ވަނީ އަދަބުން ސަލާމަތްވެފައެވެ. ނަމަވެސް ކުރިންވެސް ބޮޑެތި އަދަބުތަކެއް ދެވުނު ފަރާތްތައް ކަމަށްވާ ޗެއާމަން އަންޑްރިއާ އަގްނެއްލީ، ޗީފް އެގްޒެކެޓިވް މައުރީޒިއޯ އަރިވަބޭނޭ، ސްޕޯޓިންގ ޑިރެކްޓަރުން ކަމަށްވާ ފެޑެރީކޯ ޗެރުބީނީ އަދި ފަބިއޯ ޕަރަޓިޗީގެ އަދަބުތައް ދަމަހައްޓަށްވެސް މިފަހަރުވަނީ ނިންމާފައެވެ.