ކުޅިވަރު

އައިޕީއެލްގެ ޕްލޭއޮފް މެޗުތައް މިރޭ


އިންޑިއަން ޕްރިމިއަރ ލީގު ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގެ ޕްލޭއޮފްސްގެ ކުޅުން މިރޭ ފެށިގެންދާނެއެވެ.

ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވާ ކޮލިފަޔަރ ވަންގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މިފަހަރުގެ ސީޒަންގައި ތާވަލްގެ އެއްވަނަ ހޯދި އެންމެފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް އާއި ދެވަނަ މަގާމް ހޯދި ޗެއްނާއި ސުޕަރ ކިންގްސްއެވެ.

މިފަހަރުގެ ސީޒަންގައި ޓައިޓަންސް ފެނިގެން ގޮސްފައިވަނީ ވަރަށް މޮޅު ކުޅުމެއް ދައްކަމުންދާތަނެވެ. މިގޮތުން މިސީޒަންގައި އެޓީމް ވަނީ ކުޅުނު ކުޅުނު 1 މެޗުން 20 ޕޮއިންޓް ހޯދާ ތާވަލްގެ އެއްވަނަ ކަށަވަރުކޮށްފައެވެ. އަދި ފަހު މެޗްގައި އާދިއްތަ ދުވަހުގެރޭ ވަނީ ޕްލޭ އޮފްސްގެ ޖާގައެއް ހޯދުމަށް ކުޅެމުންދިޔަ ރޯޔަލް ޗެލެންޖަރސް ބެންގަލޯ ހަ ވިކެޓުން ބަލިކޮށްފައެވެ.

ތާވަްގެ ދެވަނަ ހޯދި ޗެއްނާއި ސުޕަރ ކިންގްސް ވަނީ ކުޅުނު 14 މެޗުން 17 ޕޮއިންޓް ހޯދާ ރަން ރޭޓަށް ބަލާ ދެވަނަ މަގާމް ކަށަވަރު ކޮށްފައެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކޮލިފަޔަރ ވަން އިން މޮޅުވާ ޓީމެއް މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރާނެއެވެ. އަދި ބަލިވާ ޓީމެއް ޖެހޭނީ އެލިމިނޭޓަރ މެޗުން މޮޅުވާ ޓީމަކާއި ބައްދަލުކުރާށެވެ. މިރޭގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޗެއްނާއިގެ ޗިދަންބަރަމް ސްޓޭޑިއަމްގައި ކަމުން ސުޕަރ ކިންގްސްއަށް އެޑްވާންޓޭޖެއް އޮތުން ގާތްކަމަށް ބައެއް ފަރާތްތަކުން ހާމަކުރަމުންދެއެވެ.

ޕްލޭ އޮފްސްގެ އެލިމިނޭޓަރ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ 14 މެޗުން 17 ޕޮއިންޓް ހޯދި ލަކްނޯ ސުޕަރ ޖައަންޓްސް އާއި 16 ޕޮއިންޓާއެކު އެންމެ ފަހު ވަގުތު ހަތަރު ވަނަ ހޯދި މުންބާއި އިންޑިއަންސްއެވެ. މިމެޗުން މޮޅުވާ ޓީމެއް ކޮލިފަޔަރ ޓޫގައި މިއަންނަ ހުކުރު ދުވަހު ބައްދަލުކުރާނީ ކޮލިފަޔަރ ވަންއިން ބަލިވާ ޓީމަކާއެވެ. މިފަހަރުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވާ އާދިއްތަ ދުވަހު އަހްމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައެވެ.