ނޭޕާލުގައި ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2023 ގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުންވެސް ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ.
މި މެޗުން ރާއްޖެ ބަލިވިއިރު، މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ކަޒަކްސްތާން އަތުންވެސް ސީދާ ތިން ސެޓުން ބަލިވެފައެވެ.
މިއަދު ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ އައިޝަތު މާޖިދާ ކުޅެފައެއް ނުވެއެވެ. އޭނާއަށް އަނިޔާވީ ކަޒަކްސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ. އެއާއެކު މާޖިދާގެ ބަދަލުގައި މިއަދުގެ މެޗުގައި ކުޅެފައިވަނީ މަރިޔަމް އަޒުމާއެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭގެ ކުޅުންތެރިންނަށް ބައެއް ގޯސްތައް ހެދުނު ނަމަވެސް، ސެޓުގެ މެދުތެރެއިން ވަނީ ކުޅުން ރަނގަޅުކޮށް 16-15 އިން އުޒްބެކިސްތާނުގެ މައްޗަށް ލީޑެއް ނަގާފައެވެ. އެކަމަކު އޭގެ ފަހުން އުޒްބެކިސްތާނުން ކުޅުން ރަނގަޅުކޮށް، އެ ޓީމުން ސެޓު ގެންދިޔައީ 25-18 އިންނެވެ.
މި މެޗުގެ ދެވަނަ ސެޓު ފަށައިގެން ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ފަހުން ކުޅުން ދަށްވެ އުޒްބެކިސްތާނުން ބޮޑު ލީޑެއް ނެގިއެވެ. އެއާއެކު މެޗުގެ ދެވަނަ ސެޓު އެ ޓީމުން ގެންގޮސްފައިވަނީ 25-14 އިންނެވެ. އަދި ތިންވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައިރު، މި ސެޓު އުޒްބެކިސްތާނުން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 25-4 އިންނެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ރާއްޖެ އާއި، އުޒްބެކިސްތާން އަދި ކަޒަކްސްތާނުގެ އިތުރުން ދެން ހިމެނެނީ ސްރީ ލަންކާއެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ރާއްޖެ އާއި ލަންކާ ބަލިވެފައިވާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ރާއްޖެ ގަޑިން 17:45 ގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާނެއެވެ. އެ މެޗު ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.