އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން އިންޓަރ މިލާނުން ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން އިންޓައިން ހޯދީ ފައިނަލްގައި ފިއޮރެންޓީނާ އާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުންނެވެ.
ފިއޮރެންޓީނާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް ފިއޮރެންޓީނާއިންނެވެ. މިގޮތުން މެޗްގެ 3 ވަނަ މިނެޓްގައި ފިއޮރެންޓީނާ އިން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ވަރަށް ކުރީކޮޅު ނަގާފައެވެ. ސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުނު މިމެޗްގައި މިލަނޑު އެޓީމަށް ޖަހާދިނީ ނީކޯ ގޮންޒާލޭސްއެވެ. ނަމަވެސް އިންޓަރއިންވަނީ މެޗްގެ 29 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ލައުޓާރޯ މާޓިނޭޒްއެވެ. އަދި މެޗްގެ 37 ވަނަ މިނެޓްގައި ނާޓިނޭޒްވަނީ މިމެޗުން އިންޓަރ މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިކާމިޔާބީއާއެކު އިންޓަރއިން މިވަނީ ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ. މިމުބާރާޓް ކާމިޔާބުކޮށްފައިވައިރު މިސީޒަނަކީ އިޓަލީވިލާތުގެ ޓީމްތަކަށް ޔޫރަޕްގައިވެސް ވަރަށް ކާމިޔާބު ސީޒަނެކެވެ.
މިގޮތުން ޔުއޭފާއިން ބާއްވާ ތިން މުބާރާތުގެ ފައިނަލްގައިވެސް އެއްކޮޅުން އިޓަލީގެ ޓީމެއް ވާދަކުރާނެއެވެ. މިގޮތުން މިމެޗްގައި ވާދަކުރި އިންޓަރ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަހޯދާފައިވާއިރު ފިއޮރެންޓީނާ ވަނީ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލުން ޖާގަހޯދާފައެވެ. އަދި އޭއެސް ރޯމާ ވަނީ ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަހޯދާފައެވެ. އެހެން ކަމުން ފަހަރުގައި ޔޫރަޕްގެ ތިން ތަށި އިޓަލީވިލާތަށް ދާތަން ފެނުމަކީވެސް އެކަށީގެންވާކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.