ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ފ. ބިލެއްދޫގެ އަދި ދ. މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުޅިވަރާބެހޭ ވުޒާރާގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ދެ ރަށުގެ މަސައްކަތްވެސް ޙަވާލުކުރައްވާފައިވަނީ އާރް.ޖީ އިންޓަނޭޝަނަލް ޕްރައިވެންޓް ލިމިޓެޑާއެވެ.
ބިލެއްދުއާއި މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ފުއާދުއެވެ. އަދި އާރް.ޖީ އިންޓަނޭޝަނަލްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙުމަދު ޢާޞިފްއެވެ.
މި މަޝްރޫއަކީ ކުޅިވަރާބެހޭ ވުޒާރާގެ ބަޖެޓުން ދެ މިލިޔަން ހަތްލައްކަ ދެހާސް ހަސަތޭކަ ތިރީސް ދެ ރުފިޔާ ސޯޅަ ލާރި ޚަރަދުކޮށްގެން ކުރިިއަށްގެންދަން ނިންމާފައިވާ މަޝްރޫޢެކެވެ. މި މަސައްކަތް އާރް.ޖީ އިންޓަނޭޝަނަލްއާ ޙަވާލުކުރީ މަސައްކަތް ފަށާތާ 55 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.