މާލޭ އަދި ވިލިމާލޭގައި ޤާއިމްކުރާ ޒަމާނީ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ އޮޕަރޭޝަންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިކުއިޕްމަންޓްތައް ރާއްޖެ ގެނެސްފިއެވެ.
މިއީ މިސްޓޭޝަންތަކުގެ މަސައްކަތް މިއަހަރުގެ 3 ވަނަ ކުއާޓަރުގެ ނިޔަލަށް ނިންމާ، ޙިދުމަތް ދިނުމަށް އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން ގެނެސްފައިވާ އިކުއިޕްމަންޓްތަކެކެވެ. އަދި މިތަކެތި މިމަހުގެ 10 ވަނަ ދުވަހު ތިލަފުއްޓަށް ގެންގޮސްފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ އޮޕަރޭޝަންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިކުއިޕްމަންޓްތަކަކީ ބޭރުގެ ފަންނީ މާހިރުންގެ ލަފާއާއި އެކު ތައްޔާރުކޮށްފައިވާ 'ގްރޭޓަރ މާލޭ ވެސްޓް ކަލެކްޝަން ސްޓްރެޓަޖީ'ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ، ހާއްސަ މެޝިނަރީ އަދި އިކުއިޕްމަންޓް ތަކެކެވެ.
-ރޯލަރ ޕެކަރ
-ވީލް ލޯޑަރު
-އާމް ރޯލް ޓްރަކް
-ސްޓްރީޓް ސްވީޕަރ (ޓްރަކް)
-ފޯކްލިފްޓް
-ކުނި އުފުލުމަށް ޙާއްސަ ކޮންޓޭނަރު
-މޯބައިލް ކޮންވޭޔަރ
-ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ރައްކާކުރާ ފިޔުލް ސްޓޯރޭޖް ޔުނިޓް
އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ފަރުމާކޮށްފައިވަނީ ކޮމްޕެކްޓް ނުވަތަ ފިއްތާލެވިފައިވާ، ކުނި ތިލަފުއްޓަށް ކޮންޓޭނަރުގައި އުފުލާ ގޮތަށްކަމަށެވެ. މިގޮތުން މާލެ އަދި ވިލިމާލޭގައި ޤާއިމްކުރަމުންދާ ޓްރާންސްފަރ ސްޓޭޝަންގައި ބޭނުންކުރުމަށްޓަކައި މުޅިން އައު ކޮންޓޭނަރުތަކާއި، އެކޮންޓޭނަރު އުފުލުމަށް ބޭނުންވާ 'އާރމް ރޯލް ޓްރަކް' ވެހިކަލްތަކާއި ކޮންޓޭނަރުގައި ހުންނަ ކުނީގެ ވޮލިއުމް ދަށްކުރުމަށް ޙާއްސަ 'ރޯލް ޕެކަރ'ތައްވެސް ވަނީ ރާއްޖެ ގެނެސްފައެވެ.
މީގެ ސަބަބުން ބަރު އަދި ބޮޑެތި ކުނި ފިޔަވައި އެހެނިހެން ކުނި އުކާލުމަށް، ކުނި އުފުލާ ބާޖަށް ވެހިކަލް އެރުން ހުއްޓުމަކަށް ގެނެވޭނެއެވެ. އަދި ކުނި އުފުލާ ވެހިކަލްގައި ހުރި ކުނި ކިރުމަށް ހާއްސަ 'ވެއި ބްރިޖަކުން' ކިރާލުމަށްފަހު ފަހު، ޓްރާންސްފަރ ސްޓޭޝަންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވޭސްޓް ޓިޕިންގ ޕްލެޓްފޯމް މެދެވެރިކޮށް ތިރީގައި ހުންނަ ކޮންޓޭނަރަށް ކުނި އުކާލެވޭނެއެވެ. އަދި ހުރިހާ ވެހިކަލަކުން ވެސް ޓިޕިން ޕްލެޓްފޯމުން ކުނި އުކާލާނީ ސްޓޭންޑަޑް ކޮންޓެއިނަރުތަކަށެވެ. އަދި ވަކިކުރެވިފައިވާ ކުނި އުކާލުމަށް ބޭނުންކުރާނެ މިކޮންޓޭނަރުގެ ސްޓޮކްވެސް ވަނީ މިހާރު ހަމަކުރެވިފައެވެ.
ކުނި މެނޭޖްކުރުމުގެ އެކި މަސައްކަތަށް ޙާއްސަކޮށްގެން ރާއްޖެ އެތެރެކޮށްފައިވާ މި އިކުއިޕްމަންޓާއި ވެހިކަލް ތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޒޯން 3 ގެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ހިންގަމުންދާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން، ޖުމްލަ 47.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގެނެވިފައިވާ ތަކެއްޗެވެ. ޗައިނާ އާއި ޖަރުމަނުގެ ސަޕްލަޔަރުން މެދުވެރިކޮށް ހޯދައިފައިވާ މިތަކެތި އިންސްޓޯލް ކުރުމާއި، ކޮމިޝަން ކުރުމުގެ މަސައްކަތް ހަވާލުކުރެވިފައި ވަނީ މާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އެންޑް އިނޖިނިއަރިންއިންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
މާލޭ އަދި ވިލިމާލޭގެ އައު ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުންނާނީ ވެމްކޯގެ އޮޕަރޭޝަން މިވަގުތު ކުރިޔަށްދާ ސައިޓުތަކުގައެވެ. މި ޓްރާންސްފާރ ސްޓޭޝަންތަކަކީ ކުދި އަދި މެދު ސައިޒްގެ ޕިކަޕްގެ އިތުރުން، ޑަމްޕް ޓްރަކް އަދި ބޮޑެތި، ބަރު ކުނި އުފުލާ ޑަމްޕް ޓްރަކްތަކާއެކު، އެކި ސައިޒުގެ ކުނި އުފުލާ ވެހިކަލްތަކަށް ދަތިކަމެއް ނެތި ޚިދުމަތްދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޖާގަ ތަނަވަސް މަރުކަޒުތަކެކެވެ.
މާލޭގެ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާއި އެޑްމިން ބިލްޑިންގއާއި، ވިލިމާލޭގައި ޤާއިމްކުރަމުންދާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭގޮތަށް، ކާރިސާ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނޭހެން ފަރުމާކުރެވިފައިވާ އިމާރާތްތަކެކެވެ.