ޚަބަރު

ބައެއް ބަދަލުތައް ގެނައުމަށް ޓްރާންސްޕޯޓުގެ އޮންލައިން ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި


  • 24 ޖޫން އިން ފެށިގެން 1 ޖުލައި އަށް މިނިސްޓްރީގެ އޮންލައިން ޚިދުމަތްތައް މެދުކެނޑޭނެ

  • ޚިދުމަތްތައް މެދުކަނޑާލީ ކޮންމެހެން ކުރަންޖެހޭ މެއިންޓެނެންސްގެ މަސައްކަތްތަކެއް ކުރުމަށް

  • އަލުން ޚިދުމަތްތައް ފަށާއިރު ބައެއް ބަދަލުތަކާއި އިތުރު ފީޗަރސްތައް ހިމެނޭނެ

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީން އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުކަނޑާލީ، އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ އޮންލައިން ސިސްޓަމްތަކުގެ މެއިންޓެނަންސް މަސައްކަތެއްކުރުމަށްޓަކާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން 1 ޖުލައި 2023 މިނިސްޓްރީގެ އޮންލައިން ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލެވޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙު ވިދާޅުވީ، މިދުވަސްކޮޅާއި ދިމާކޮށް އޮންލައިން ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމީ، ސަރުކާރު ބަންދު ދުވަސްތަކަކީ އާއްމުކޮށްވެސް ޚިދުމަތް ހޯދާ ނިސްބަތް މަދުވާނެ ދުވަސްކޮޅަކަށްވެފައި މިކަމުން އާއްމުންނަށްވެސް ވީހާ އުނދަގޫނުވާނެ ގޮތަކަށް ބެލުމަށްފަހުކަމަށެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި އެ މިނިސްޓްރީން އޮންލައިންކޮށް ފޯރުކޮށްދޭ އެއްގަމާއި ކަނޑުއުޅަނދުފަހަރުގެ ރަޖިސްޓްރޭޝަނާއި ގުޅުންހުރި ކަންކަމާއި، ލައިސެންސްއާއި ގުޅުންހުރި ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާނެކަމަށް ޢަލީ ޞާލިޙު ވިދާޅުވިއެވެ.

ޢީދު ބަންދާއި ދިމާކޮށް އޮންލައިން ޚިދުމަތްތައް މެދުކަނޑާލީ، ބައެއް މެއިންޓެނެންސްގެ މަސައްކަތްތައް ކުރުމަށާއި، ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޚިދުމަތް ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަތަކާއި ރައްކާތެރިކަން މިހާރަށްވުރެއްވެސް ކަށަވަރުކުރުމަށްކަމަށް ޢަލީ ޞާލިޙު ވިދާޅުވިއެވެ. އަދި މި މުއްދަތުގެ ތެރޭގައި ގެނެވޭ ބަދަލުތަކާއެކު މިހާރު އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް އިތުރު ފުރިހަމަކަމެއް ލިބި، އިތުރު ފީޗާރސްތަކާއި ފަސޭހަތަކެއް ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ލިބިގެންދާނެކަމަށް ޢަލީ ޞާލިޙު ވިދާޅުވިއެވެ.

ޢަލީ ޞާލިޙު ވިދާޅުވީ، އާއްމުންނަށް ވީހާވެސް ފަސޭހަވާނެހެން ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެ މިނިސްޓްރީން ޚާއްސަ އިސްކަމެއްދެއްވާ ކަމެއްކަމަށާއި، ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒާއި އެއްގޮތަށް މިނިސްޓްރީގެ ޚިދުމަތްތަކަށްވެސް މުހިންމު ބަދަލުތަކެއްގެނެވި، އެކަމުގެ ފަސޭހަ މިހާރުވެސް ރައްޔިތުންނަށް ލިބިގެންދާކަމަށެވެ.