ކީރިތި ޤުރުއާނުގެ މުޞްޙަފުތަކުގެ ހުރުމަތް ކަނޑައި، އެއަށް ގެއްލުންދިނުން ފަދަ ހައްދުފަހަނަ އެޅި ޖައްބާރު އަމަލުތައް ފަދަ ދީނީ ނަފުރަތު ފެތުރޭ ފަދަ އަމަލުތައް ހުއްޓުވަން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯއައިސީ)ން ގޮވައިލައިފިއެވެ. އެ ޖަމުޢިއްޔާއިން މި ކަމަށް ގޮވައިލާފައި ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އެ ޖަމުޢިއްޔާގެ ކުއްލި ބައްދަލުވުމަކަށް ފަހުއެވެ.
ޖިއްދާގައި އޯއައިސީގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި ވަނީ، ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި ހައްދުފަހަނަ އެޅި ޖައްބާރު މީހަކު ކީރިތި ޤުރުއާނުގެ މުޞްޙަފެއްގެ ގަނޑުތައް ވީދައިލާ، އޭގައި ރޯކޮށްލި މައްސަލައާ ގުޅިގެންނެވެ. އެ ދަށު ދަރަޖައިގެ އަމަލު ހިންގާފައި ވަނީ އެ ޤައުމަށް ހިޖުރަކޮށްފައިވާ އިރާޤުގެ ރައްޔިތެއް ކަމުގައިވާ ސުލްވާން މުމީކެވެ.
އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވެސް ބައިވެރިވިއެވެ. އެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާފައި ވަނީ އެ ޖަމުޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މުޙައްމަދު ޚަލީލެވެ. 57 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އޯއައިސީން ބުނީ ދީނީ ނަފުރަތު ފަތުރާ އަމަލުތައް ހުއްޓުވަން ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ބޭނުން ހިފަންޖެހޭ ކަމުގައެވެ. އަދި، އެ ކަން ހާސިލުކުރެވޭނީ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި ކަމަށް ވެސް އެ ޖަމުޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"ކީރިތި ޤުރުއާނުގެ މުޞްޙަފުތަކުގެ ހުރުމަތް ކަނޑައި، އެއަށް ގެއްލުންދިނުން ފަދަ ދީނީ ނަފްރަތު ފަތުރާ އަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން މިހާރުވެސް މަނާ ކަމެއް. ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެ ކަން ހަނދާން ކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް،" އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޙުސައިން ބްރާހީމް ޠާހާ ވިދާޅުވިއެވެ.
ސްޓޮކްހޯމްގެ މައި މިސްކިތް ކުރިމަތީގައި މުޞްޙަފެއްގައި ރޯކޮށްލާފައި ވަނީ ބަރަކާތްތެރި އަޟުޙާ ޢީދު ދުވަހުއެވެ. ހައްދުފަހަނަ އަޅާފައިވާ ޖައްބާރު މީހެއް ކަމުގައިވާ މުމީކު އެ އަމަލު ހިންގާފައި ވަނީ ސްވިޑެންގެ ފުލުހުން ދީފައިވާ ހުއްދައެއްގެ ދަށުން ކުރަމުންދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ. މުޒާހަރާ ކުރުމަށް މުމީކަށް ހުއްދަ ދީފައި ވަނީ ޚިޔާލުފާޅުކުރުމުގެ ހައްޤުގެ ދަށުން ކަމުގައި ފުލުހުން ބުނެއެވެ. ނަމަވެސް، މުޞްޙަފުގައި ރޯކޮށްލައި މުސްލިމުންނާ މެދު ނަފުރަތު އުފައްދަން މަސައްކަތް ކުރުމުގެ ކުށުގައި މުމީކުގެ މައްސަލަ ތަހުޤީޤު ކުރަން ފަށާފައިވާ ކަމުގައި ފުލުހުން ބުނެއެވެ.
މުޞްޙަފުގައި ރޯކޮށްލި މައްސަލައިގައި އެންމެ ބޮޑަށް ނުރުހުން ފާޅުކޮށްފައިވާ އެއް ޤައުމަކީ ތުރުކީވިލާތެވެ. އެ އަމަލާ އެކު، ނޭޓޯގެ މެންބަރަކަށްވުމަށް ސްވިޑެނުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އެއް ސަބަބަކީ، އެ ކަމަށް މިހާރު ވެސް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ތުރުކީވިލާތް ކަމުގައިވުމެވެ.
މުޞްޙަފުގެ ހުރުމަތް ކެނޑި މައްސަލައިގައި ސްވިޑެނަށް ވަނީ މުޅި އިސްލާމީ އުންމަތުގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެފައެވެ. މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވަނީ އެ ޤައުމުތަކުގައި ހުންނަ ސްވިޑެންގެ ސަފީރުން ހާޒިރުކޮށް އެ ކަން ހުއްޓުވަން ފިޔަވަޅުތަކެއް އަޅާފައިނުވާތިއްޔާއި، މުސްލިމުންނާ ދެކޮޅަށް މުޒާހަރާކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވާތީ ސަފީރުންނާ ސުވާލުކޮށްފައެވެ.
މުޞްޙަފުގެ ހުރުމަތް ކެނޑި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިރާޤާއި، އީރާނާއި، ސަޢޫދީ ޢަރަބިއްޔާއާއި މިޞްރުގެ އިތުރުން ދިވެހިރާއްޖެ ވެސް ހިމެނެއެވެ. މި މައްސަލައިގައި އުރުދުނާއި މަޣުރިބުގައި ހުންނަ ސްވިޑެންގެ ސަފީރުން އެ ޤައުމުގެ ޚާރިޖީ ވުޒާރާތަކަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
މުޞްޙަފުގެ ހުރުމަތް ކެނޑުން ކުށްވެރި ކުރަމުން ދިވެހި ޚާރިޖިއްޔާއިން ވަނީ އެއީ އިޙުތިރާމު ކުޑަ، ދަށުދަރަޖައިގެ ހަޑިމުޑުދާރު އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި، އެތަކެއް މިލިޔަން މުސްލިމުންނެއްގެ ހިތްތަކުގައި ނަފުރަތު އުފައްދައި، އެ މީހުންގެ ދީނީ ޝިޢާރުތަކަށް ގެއްލުންދެނިވި އަމަލެއްގެ ގޮތުގައި ދެކޭ ކަމުގައި ބުނެފައެވެ. އަދި، ސްވިޑެންގައި މި ފަދަ ނާތަހުޒީބު އަމަލުތައް ތަކުރާރުކުރުމުގެ ފުރުޞަތު ދޭތީ ކަންބޮޑުވުން ފާޅުކުރާ ކަމަށާއި، އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބަހަނާގެ ދަށުން ގަބޫލު ކުރެވޭނެ އަމަލެއް ނޫން ކަމުގައި ވެސް ދިވެހި ޚާރިޖީއްޔާއިން ބުންޏެވެ.
ޖަނަވަރީ މަހު ވެސް ސްވިޑެންގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހަކު ވަނީ ކީރިތި ޤުރުއާނުގެ މުޞްޙަފެއްގައި ރޯކޮށްލާފައެވެ. އެ މައްސަލައިގައި މުޅި މުސްލިމް އުންމަތުގެ ނުރުހުން ސްވިޑެންއަށް އަމާޒުވެގެންދިޔަ އިރު، ތުރުކީވިލާތުން ވަނީ ނޭޓޯގެ މެންބަރުކަމާ ގުޅޭ ގޮތުން އެ ޤައުމާ މަޝްވަރާ ކުރުން މެދުކަނޑައިލާފައެވެ. ޢީދު ދުވަހުގެ ހާދިސާއާ ގުޅިގެން ސްވިޑެނުން ނޭޓޯގެ މެންބަރަކަށްވުމަށް ކުރަމުންދާ މަސައްކަތްތަކަށް ތުރުކީވިލާތުން އިތުރަށް ހުރަސްއަޅާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.