ޚަބަރު

ވޯޓްލާންޖެހޭ ފޮށިތަކާގުޅޭ ޝަކުވާ ހުށައަޅަން ހުޅުވާލައިފި


  • - ރަޖިސްޓްރީ ފެންނާނީ ކޮމިޝަންގެ ވެބްސައިޓުން

  • - 1414 އަށް މެސެޖްކޮށްގެންވެސް ވޯޓްލާން ދާންޖެހޭ ތަން ބަލާލެވޭނެ

  • - ޝަކުވާ ހުށައެޅުމުގެ ފަހު ވަގުތަކީ އަންނަ ބުދަދުވަސް

އަންނަ މަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާންޖެހޭ ފޮށްޓާއި ދާންޖެހޭ ތަން އަންގައިދޭ ރަޖިސްޓަރީ އާއްމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވައިފިއެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ނިންމެވީ ޖުމްލަ 609 ފޮށި ބެހެއްޓުމަށެވެ. އެހެންމަވެސް ރީ ރަޖިސްޓްރެޝަންގައި އައި ބައެއް ބަދަލުތަކާއި އެކު މި އަދަދު މިހާރު ވަނީ 574 ފޮށްޓަށް މަދުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓުލާންޖެހޭ ފޮށީގެ ރަޖިސްޓްރީ އެ ކޮމިޝަންގެ ވެބްސައިޓުން މިހާރު ޢާންމުކޮށް ފެންނަން ހުންނާނެކަމަށެވެ. އަދި VR space IDNO Send to 1414 އެސް.އެމް.އެސް ކޮށްގެން ވެސް ވޯޓްލާން ޖެހޭ ފޮށްޓާއި ސަރަހައްދު މިހާރު ބަލާލެވޭނެ ކަމަށެވެ.

ވޯޓް ފޮށީގެ ރަޖިސްޓްރީގައި އެއްވެސް މައްސަލައެއް އުޅޭނަމަ އަންނަ ބުދަ ދުވަހުގެ 15:00 ގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލައްވާފައެވެ. އެ ކޮމިޝަނުން ވިދާޅުވީ ޝަކުވާ ހުށައަޅަން ޖެހޭނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" ކަމަށެވެ.

މާލެގައި ޝަކުވާ ފޯމުތައް ބަލައިގަންނާނީ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން ފޯމު ބަލައިގަންނާނީ އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އަވަށު އޮފީސްތަކުންކަމަށްވެސް އީސީން ވިދާޅުވެއެވެ.

ރާއްޖެއިން ބޭރުގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް ފޯމު ބަލައިގަންނަމުން ގެންދަވާނެކަމަށްވެސް އީސީން ވިދާޅުވެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ލަންކާގެ ކޮލަމްބޯ، އިންޑިއާގެ ޓްރިވެންޑްރަމް، އިންގިރޭސިވިލާތުގެ ލަންޑަން ، ޔޫއޭއީގެ އަބޫދާބީގެ އިތުރުންް މެލޭގެ ކުއަލަލަމްޕޫރްގައެވެ.

ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަނުން ކުރިން ނިންމަވާފައިވާ ތަންތަނުގެ ތެރެއިން، ވޯޓު ފޮށި މިހާރު ނުބަހައްޓަން ނިންމަވާފައިވާ ތަންތަނަށް، ރަޖިސްޓްރީވި މީހުން، އަލުން ރީ ރަޖިސްޓްރީވުމަށް އިއްޔެގެ ނިޔަލަށް ދިން ފުރުސަތުގައި 30،000 ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.