ޚަބަރު

2 ރަށެއްގެ ބިން ހިއްކުމާއި، 2 ރަށެއްގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފި


  • ށ. ފުނަދޫ 25 ހެކްޓަރުގެ ބިން ހިއްކުމަށް 139 މިލިއަން ރުފިޔާ ޚަރަދުވާނެ

  • ތ. ކިނބިދޫ 25 ހެކްޓަރުގެ ބިން ހިއްކުމަށް 148 މިލިއަން ރުފިޔާ ޚަރަދުވާނެ

  • ބ. ތުޅާދޫ އެއްގަމު ތޮއްޓާއި ބޭރުތޮށީގެ މަސައްކަތަށް 22 މިލިއަން ރުފިޔާ ޚަރަދުވާނެ

  • މ. ރަތްމަންދޫ ބަނދަރުގެ މަޝްރޫޢަށް 68 މިލިއަން ރުފިޔާ ޚަރަދުވާނެ

2 ރަށެއްގެ ބިން ހިއްކުމާއި، 2 ރަށެއްގެ ބަނދަރުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރި މަޝްރޫޢުތަކުގެ ތެރޭގައި ށ. ފުނަދޫ ބިން ހިއްކުމާއި، ތ. ކިނބިދޫ ބިން ހިއްކުމާއި، ބ. ތުޅާދޫ އެއްގަމު ތޮއްޓާއި ބޭރުތޮށި އަޕްގްރޭޑްކުރުމުގެ އިތުރުން މ. ރަތްމަންދޫ ބަނދަރު ތަރައްޤީކޮށް ގޮނޑޮދޮށް ޚިމާޔަތްކުރުން ހިމެނެއެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން ށ. ފުނަދޫ ބިން ހިއްކުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 360 ދުވަހުން މަސައްކަތް ނިންމާގޮތަށް، 139 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން ފުނަދޫއިން 25 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ތ. ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 340 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މިއީ 148 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. ކިނބިދޫއިންވެސް ހިއްކުމަށް ހަމަޖެހިފައިވަނީ 25 ހެކްޓަރުގެ ބިމެވެ. އެއީ ރަށުގެ އިރުމަތީ ފަރާތަށެވެ.

އެމް.ޓީ.ސީ.ސީއާއި ބ. ތުޅާދޫ އެއްގަމުތޮށި އަދި ބޭރުތޮށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ޙަވާލުކުރީ 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން 551.91 މީޓަރުގެ އެއްގަމުތޮށި މަރާމާތުކޮށް، 551.91 މީޓަރުގެ ސްކަވަރ އޭޕްރޮންއެއް ލާނެއެވެ. އަދި 1 ރޭމްޕު ހެދުމާއި، 11 މޫރިން ބޮއި ހަރުކޮށް، 468 މީޓަރުގެ ބޭރުތޮއްޓެއް ޖަހާނެއެވެ. މީގެއިތުރުން 15 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަރއެއް ޖެހުމާއި 1 ޖެޓީ ހެދުމާއި 1 އެކްސެސް ޕްލޭޓްފޯމެއް ހެދުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މ. ރަތްމަންދޫ ބަނދަރުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭގައި މަސައްކަތް ފުރިހަމަކުރާގޮތަށެވެ. މި މަޝްރޫޢަށް 68 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ.

ރަތްމަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމުގެ އިތުރުން 254 މީޓަރުގެ އެއްގަމު ތޮއްޓެއް ޖެހުމާއި، 26 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 20 މީޓަރުގެ ގްރޮއިން ޖެހުމާއި، 192 މީޓަރުގެ ސޭންޑް-ފިލް ބްރޭކްވޯޓަރ ޖެހުމާއި، 85 މީޓަރުގެ ޗެނަލް ބްރޭކްވޯޓަރ ޖަހާ، 15 މީޓަރުގެ ސަމްބާޖް ބްރޭކްވޯޓަރ ޖެހުންވެސް ހިމެނެއެވެ.

މީގެ އިތުރުން ބްރިޖަކާއި ރޭމްޕެއް ހެދުމާއި، މޫރިން ބޮއި ހަރުކުރުމާއި، މަގުބައްތި ޖެހުމާއި، އެއްގަމުތޮށީގެ ވަށައިގެން ޕޭވްމަންޓް ހެދުމާއި، ފެން ހިންދުމަށް ކާނުތައް ބެހެއްޓުމުގެ އިތުރުން ނެރު ބައްތި ހަރުކުުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.

ޕްލޭނިންގ މިނިސްޓްރީގައި ވަކިވަކި ބޭއްވި ރަސްމިއްޔާތެއްގައި މި 4 މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ.