ޚަބަރު

ފްލެޓް ލިސްޓުގެ ޝަކުވާތަކަށް ބަލައި، ގެނައި ބަދަލުތައް ޕޯޓަލުން މިހާރު ފެންނާނެ


  • ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށްފަހު ސްޓޭޓަސް އަންނަ ބަދަލު ޕޯޓަލުން ފެންނާނެ

  • ފްލެޓް ލިސްޓް އާއްމުކުރީ އޯގަސްޓް 8 ގައި

  • ވަގުތީ ލިސްޓު ދައްކާގޮތުން 15000 އަށްވުރެ ގިނަ މީހުން ޝަރުތުހަމަވޭ

  • ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަށް ޓީމްތަކުން ދަނީ ޒިޔާރަތްކުރަމުން

ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ލިބުނު ޝަކުވާތަކަށްބަލާ، އެޕްލިކޭޝަން ސްޓޭޓަސްއަށް ބަދަލެއް އަންނަނަމަ، އެކަން "ގެދޮރުވެރިން ޕޯޓަލް" އިން މިހާރު ފެންނާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ޕްލޭނިންގ މިނިސްޓްރީން އާއްމުކުރެއްވީ އޯގަސްޓް 8 ވަނަ ދުވަހުއެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޯގަސްޓް 22 ގެ ނިޔަލަށް ހުޅުވާލިއެވެ.

ދާއިމީ ލިސްޓު ނެރުމުގެ ކުރިން ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ޕްލޭނިން މިނިސްޓްރީގެ ޓީމްތަކުން އަންނަނީ އެ މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތް ކުރަމުންނެވެ. އަންނަ ހަފްތާ ތެރޭގައި ޕްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެއް ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓާއި ގުޅިގެން އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާތައް ބަލަމުން އަންނަ ކަމަށެވެ. އަދި ޝަކުވާ ބެލުމަށްފަހު ސްޓޭޓަސްއަށް އައި ބަދަލެއް އަންނަ ނަމަ، "ގެދޮރުވެރިން ޕޯޓަލް" އިން މިހާރު ފެންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.


"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި 2 ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުން ފޯމް ހުށައެޅިއެވެ. މީގެ 15،000 އަށްވުރެ ގިނަ މީހުން ޝަރުތުހަމަވާކަމަށް ވަގުތީ ލިސްޓުގައި ވަނީ ކަނޑައަޅާފައެވެ.

މި ސްކީމުގެ ދަށުން އިންޑިއާގެ 2 ކުންފުންޏަކާ ޙަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯރޕަރޭޝަނުން އަންނަނީ ޖުމްލަ 4000 ހައުސިންގ ޔުނިޓް ތަރައްޤީކުރަމުންނެވެ. އެއީ 18 ބުރީގެ 32 ޓަވަރެވެ. މީގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ 2800 ފްލެޓާއި 2 ކޮޓަރީގެ 1200 ފްލެޓެވެ.