ސިޔާސީ

އެމްޑީޕީއާއިއެކު ހެދި ކޯލިޝަން އެމްޑީއޭއިން ރޫޅާލައިފި


  • އެމްޑީއޭއިން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގެ ބައްދަލުވުމުގައި

  • ކައުންސިލްގެ 33 މެންބަރުންގެ ވޯޓު ލިބުނު

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ހެދި ކޯލިޝަން ރޫޅާލައި, 2 ވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާއިއެކު ކުރިއަށްދިއުމަށް އެމްޑީއޭއިން ނިންމައިފިއެވެ.

ކޯލިޝަން ރޫޅާލައި 2 ވަނަ ބުރުގައި ޑރ.މުއިއްޒުއަށް ތާއީދުކުރަން އެމްޑީއޭއިން ނިންމާފައިވަނީ ރޭ ބޭއްވި އެޕާޓީގެ ކުއްލި ކައުންސިލް ބައްދަލުވުމުގައެވެ. ކައުންސިލަށް މިހުށަހެޅުން ހުށަހެޅީ މެމްބަރު މުހައްމަދު އައްބާސްއެވެ. އޭނާގެ ހުށަހެޅުން ފާސްކުރީ 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެމްޑީއޭއިން ބުނީ އެމްޑީޕީއާއިއެކު އެ ޕާޓީން ހަދާފައިވާ ކޯލިޝަން ރޫޅާލީ އެ ޕާޓީގެ ގިނަ އަދަދެއްގެ ކައުންސިލް މެންބަރުން އެގޮތައް ބޭނުންވާތީކަމަށެވެ. އަދި 2 ވަނަ ބުރުގައި އެމްޑީޕީގެ ކެންޕެއިން ހަރަކާތްތައް އެ ޕާޓީން ބޭނުންވާގޮތަށް ނުދިއުމަކީވެސް ކޯލިޝަން ރޫޅާލަން ނިންމި ސަބަބެއް ކަމަށް އެމްޑީއޭއިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، އެމްޑީއޭގެ ނިންމުމަށް އިހްތިރާމްކުރައްވާކަމަށާއި މި ކެންޕެއިންގައި ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާކަމަށެވެ. އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީއެއްކަމަށާއި، އެމްޑީޕީގެ އަޒުމެއް ނުގުޑާނެކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހެދި އަދާލަތު ޕާޓީ އޮތީ ކޯލިޝަނާއެކުގައެވެ. އެޕާޓީން ބުނެފައިވަނީ އިންތިޚާބުގައި ސާބިތުކަމާއިއެކު އެމްޑީޕީއާއިއެކު ދެމިއޮންނާނެކަމަށެވެ. އިންތިޚާބުގައި ވާދަކުރި ޖުމްހޫރީ ޕާޓީ އަދި ދަ ޑިމޮކްރެޓްސްއިން ވަނީ 2 ވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއިދު ނުކުރަން ނިންމާފައެވެ.