ޚަބަރު

އެމްޑީޕީ ޕީޖީގެ ނިންމުން ދަ ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފި


  • އިންތިޚާބީ ރައީސް މަޤާމުގެ ހުވާކުރައްވާނީ ނިވެމްބަރު 17ގައި

  • އެ ރަސްމިއްޔާތަކީ މަޖިލީހުގެ ޖަލްސާއެއް

  • ރައީސް ނަޝީދު މަޤާމުން ދުރުނުކޮށް މަޖިލީހުގައި މަސައްކަތެއް ނުކުރެވޭނެކަމަށް

  • ކެބިނެޓަށް ރުހުން ނުދެއްވާނެކަމަށް

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މަޤާމުގެ ހުވާކުރުމަށް ބާއްވަވާ ރަސްމިއްޔާތަށް އެމްޑީޕީން ހުރަސްއަޅަން އުޅޭކަމަށް ތުހުމަތުކޮށް، އެކަން ދަ ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފިއެވެ.

ދަ ޑިމޮކްރެޓްސްއިން އެކަން ކުށްވެރިކޮށްފައިމިވަނީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓާއިމެދު ގޮތެއް ނުނިންމާ، އިންތިޚާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތު ނުބޭއްވޭނެކަމަށް އެމްޑީޕީން ބުނުމާއި ގުޅިގެންނެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ، މަޖިލީހުގެ ރައީސްގެ މަޤާމުން ރައީސް ނަޝީދު ދުރު ނުކުރައްވާ އިންތިޚާބީ ރައީސް މަގާމުގެ ހުވާކުރައްވައިފިނަމަ އެ ހުވައަކީ ސައްޙަ ހުވައަކަށް ވެގެން ނުދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ހާލަތެއްގައި ޑރ. މުއިއްޒު ހުށައަޅުއްވާ ކެބިނެޓަށް މަޖިލިހުގެ ރުހުން ނުލިބޭނެ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ވަނީ، އިންތިޚާބީ ރައީސްއާއި އިންތިޚާބީ ނާއިބު ރައީސް މަޤާމުގެ ހުވާކުރެއްވުމަށް ބާއްވާ ދަރުބާރަށް އެމްޑީޕީން ހުރަސް އަޅަމުންދާކަމަށާއި، އެކަން ކުށްވެރިކުރާކަމަށް ބުނެފައެވެ. އަދި ހުވާކުރުމުގެ ދަރުބާރަށް ހުރަސްއެޅުމަށް ކުރުއްވަން އުޅުއްވާ މަސައްކަތަކީ ހުތުރުކަމެއް ކަމެއްކަމަށްވެސް ޑިމޮކްރެޓްސްގެ ނޫސްބަޔާނުގައިވެއެވެ. ދަ ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ ރައްޔިތުންގެ ނިންމުމަށާއި، ޑިމޮކްރެސީގެ އަސާސްތަކަށާއި، ގާނޫނު އަސާސީގެ ހުރުމަތަށް ރުޖޫއަވުމަށް އެމްޑީޕީއަށް ގޮވާލާފައެވެ.

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ޚިޔާލުތަފާތުވުމުގައި އެޕާޓީން ވަކިވެވަޑައިގެންނެވި ބައެއް މަޖިލިސް މެންބަރުން އިސްވެ އުފެއްދެވި ޕާޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަކީވެސް ދަ ޑިމޮކްރެޓްސްގެ މެންބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ވަނީ ތްރީ ލައިން ވިޕެއްވެސް ނެރެފައެވެ. އެމްޑީޕީ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ކުރަން ޖާގަނުދެއްވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގައި މައްސަލަ މިހާރު ވަނީ، އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައެވެ.