ޚަބަރު

ސިޓީ ކައުންސިލް ބައި-އިލެކްޝަނުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އަނެއްކާވެސް ހުޅުވާލައިފި


  • ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ ބުރާސްފަތި ދުވަހުގެ 15:00 ކުރިން

  • އޮފިޝަލުންނަށް ދޭ އުޖޫރަ މުރާޖަޢާކޮށް ވަނީ އިތުރުކޮށްފައި

  • އޮފިޝަލުންގެ ގޮތުގައި 350 އެއްހާ މީހުން ބޭނުންވޭ

މާލޭ ސިޓީ ކައުންސިލުގެ މޭޔަރާއި، ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ނެގުމަށާއި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރާނެ އޮފިޝަލުން ހޯދުމަށް 20 ޑިސެންބަރ 2023 ގައި އިލެކްޝަން ކޮމިޝަނުން ޢިއުލާންކުރެއްވިއެވެ. ނަމަވެސް އޭރު އެކަށީގެންވާ އަދަދަށް އޮފިޝަލުން ކުރިމަތިލާފައިނުވާތީ އަލުން އޮފިޝަލުން ހޯދުމަށް ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާލޭ ސިޓީގެ މޭޔަރާއި، ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހުއެވެ. ހަމަ އެ ދުވަހު މި ބައި-އިލެކްޝަންގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންވެސް އޮންނާނެއެވެ.

ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބާއްވާ 2 ބައި-އިލެކްޝަންގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ގާތްގަނޑަކަށް 350 އެއްހާ އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އޮފިޝަލުން ހޯދުމަށް އަލުން އިޢުލާންކޮށްފައިވަނީ އޮފިޝަލުންނަށް ކުރިން ކަނޑައަޅާފައިވާ އުޖޫރަވެސް ބޮޑުކުރުމަށްފަހުއެވެ.

އޮފިޝަލުންގެ ފުރިހަމަވާންޖެހޭ ޝަރުތުތައް:

• ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
• އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން
• އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން
• ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން
• އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން
• މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލު މީހަކު ކަމުގައިވުން
• ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން

އޮފިޝަލުންގެ އުޖޫރަ:

• ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ / 1800 ރުފިޔާ
• ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ / 1600 ރުފިޔާ
• ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ / 1500 ރުފިޔާ
• ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ / 500 ރުފިޔާ

ހުށަހަޅަންޖެހޭ ތަކެތި:

• ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
• ވަނަވަރު
• ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި -/300 ރުފިޔާ ލިބޭނެ ކަމަށް އިލްކެޝަން ކޮމިޝަނުން ފާހަގަކުރެއެވެ.

މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެކަމަށް އިލެކްޝަން ކޮމީޝަނުން ވިދާޅުވެއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 އާއި 11 އާ ދެމެދުގައެވެ. އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ މިމަހުގެ 7 އިން 13 އަށް މާލޭގައި ހުންނަ ފަރާތަކަށް ވާންޖެހޭނަކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

އޮފިޝަލުންނަށް ވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން މި ފުރުޞަތުގައި، އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅެމުގެ ސުންގަޑިއަކީ 2024 ޖަނަވަރީ 4 ވާ ބުރާސްފަތި ދުވަހުގެ 15:00 ކުރިން ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބިއްޖެނަމަ، އޮފިޝަލުން ހަމަވަންދެން ފޯމު ބަލައިގަންނާނެކަމަށެވެ.