ޚަބަރު

ހަލާކުވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 108 އުޅަނދެއް ނަގައިފި


  • މިއީ މާލެ ސަރަހައްދުގައި ގިނަދުވަސްވެފައިވާ ވެހިކަލްތައް ނައްތާލުމަށް ހިންގާ ޕްރޮގުރާމެއް

  • މި ޕްރޮގުރާމުގެ ފުރަތަމަ ބައިގައި ނައްތާލާނީ 4 ފުރޮޅުލީ އުޅަނދު

  • 108 އުޅަނދުގެ ތެރެއިން ބައެއް އުޅަނދު މިހާރު ވަނީ ތިލަފުއްޓަށް ގެންގޮސްފައި

މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް 108 އުޅަނދު ނަގައިފިއެވެ

މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފެށީ މި މަހުގެ 17 ވަނަ ދުވަހުގައެވެ. މި މަސައްކަތަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި، ދިވެގު ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް 108 އުޅަނދެއް މަގުމަތިން ނަގާފައިވާކަމަށެވެ. މީގެ ތެރޭގައި ބައު ހަލާކުވެފައިވާ ކާރާއި ޕިކަޕު ހިމެނެއެވެ. އަދި އޭގެތެރެއިން ބައެއް އުޅަނދު، ފުޑުކޮށްލުމަށްފަހު ތިލަފުއްޓަށް މިހާރު ގެންގޮސްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ހަފްތާތެރޭ ބާކީ ހުރި ހުރިހާ އުޅަނދެއް ތިލަފުއްޓަށް ގެންދެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ފުރަތަމަ ބައިގައި ކުރިއަށް ގެންދަނީ މާލޭގެ އެކި ހިސާބުތަކުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތަކުގެ ތެރެއިން 4 ފުރޮޅުލީ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް ހުޅުވާލާފައިވެއެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މާރިޗު 3 ވަނަ ދުވަހުގެ ނިޔަލަށެވެ.