ޚަބަރު

ބީސީސީން ތަރައްޤީކުރާ ކްރިއޭޓަރ ހަބްގެ މަސައްކަތް ފަށައިފި


  • މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު

  • މިތަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރު

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީއިން ގާއިމްކުރާ ކްރިއޭޓަރ ހަބްގެ މަސައްކަތް ފަށައިފިއެވެ.

ސަލްޓަން ޕަރކްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދެވެ.

ކްރިއޭޓަރ ހަބްއަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތެކެވެ.

"ކްރިއޭޓަރ ހަބް"ގެ މަސައްކަތް ފައްޓަވައި ދެއްވުމަށްފަހު މިނިސްޓަރ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ވަނީ، މި އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވާ މަސައްކަތްޕުޅެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވަނީ މި އިމާރާތުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ވެސް ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރ ވަނީ މި ހަބުގައި، ފަންނުވެރިންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ލިބެން ހުންނާނެކަން ވެސް ފާހަގަކުރައްވާފައެވެ.

އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓަރ ހަބް ވެގެންދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި ފަންނުވެރިން މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށްކަމަށް ބީސީސީން ބުނެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީން ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީގެ އަސާސަކީ މައުލޫމާތާއި އިލްމުގެ އަލީގައި ފަންނީ އަދި އީޖާދީ ދާއިރާތައް ކުރިއަރުވައި އިގްތިސާދް ތަރައްގީކުރަން މަސައްކަތް ކުރުން ކަމުގައެވެ. އަދި މި މަސައްކަތާއެކު ފަންނީ އަދި އީޖާދީ މަސައްކަތްތެރިކަމުގައި އުޅޭ ފަރާތްތަކަށް މަސައްކަތްކުރެވޭނެ މާހައުލެއް ޒަމާނީ ވަސީލަތްތަކާއި އާލާތްތަކާއި އެކު ގާއިމްކުރެވޭނެ ކަމުގައި އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ އާމްދަނީ ހޯދުމުގެ ނިޔަތުގައި އަމިއްލަ މަސައްކަތް ކުރާ ފަންނުވެރި ފަރާތްތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިފަދަ އިގްތިސާދަކަށް މަގުފަހި ކުރުމުގެ ބޭނުން ރާއްޖެއަށް ނުހަނު ބޮޑު ކަމުގައެވެ. އަދި ފަންނުވެރިކަމުގެ ދާއިރާއަކީ އެންމެ އެދެވޭ އަހަންމިއްޔަތެއް ދީފައިވާ ދާއިރާއެއް ނޫންކަމުގައި ވިޔަސް މިފަދަ ހަބެއް ވުޖޫދު ވުމާއިއެކު ފަންނީ އަދި އީޖާދީ އުފެއްދުންތެރިކަން އިތުރުވެ މިފަދަ އުފެއްދުން ތަކަށް ގައުމީ އަދި ބައިނަލްއަގްވާމީ ގޮތުން ބާޒާރު ލިބި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކްސްޕޯޓް ކުރުމުގެ މަގު ތަނަވަސްވެގެން ދާނެކަމުގައި ސާމިހް ވިދާޅުވިއެވެ. މީގެއިތުރުން ކްރިއޭޓަރ ހަބްގެ ސަބަބުން މިދާއިރާއިން ގާބިލް ޖީލެއް އުފެދި، އިގްތިސާދު ސިންދަފާތު ކުރެވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ތިޔަ ފަންނުވެރިންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ މި އިމާރާތުގެ ސަބަބުން ތިޔަ ބޭފުޅުން ތި މަސައްކަތް ކުރައްވާ އެކި ފަންނުވެރި ސިނާޔަތްތަކަށް ވިޔަފާރީގައި ގިނަ އެތައް ފުރުސަތުތަކެއް ފަހިވެގެން ދާނެކަން. މިހަބްގެ ތެރެއިން ތިބޭފުޅުންގެ މަސައްކަތް ތަކަށް ލުއިފަސޭހަކަން ލިބިގެންދާނެ." ސާމިހް އާދަމް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި ފަންނުވެރިން ކުރިއެރުމަށް ބީސީސީން ކުރަމުން އަންނަ މަސައްކަތް ފުޅާކޮށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށެވެ.

ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކްރިއޭޓަރ ހަބް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 1500 އަކަފޫޓުގެ ޖާގައެއްގައި ޤާއިމުކުރުމަށް ނިންމާފައިވާ ކްރިއޭޓަރ ހަބް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ.